Advertisement

އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން އުޅޭ ކަމުގެ އިޝާރާތެއް؛ "ދެން މި ހައިސިއްޔަތުން ނުފެނިދާނެ"

17 ފެބުރުވަރީ 2025 - 20:59 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، މުއުތަސިމް އަދުނާނު -- ފޮޓޯ: ރައީސް އޮފީސް


އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން އުޅޭ ކަމުގެ އިޝާރާތެއް؛ "ދެން މި ހައިސިއްޔަތުން ނުފެނިދާނެ"

17 ފެބުރުވަރީ 2025 - 20:59 0

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން އުޅުއްވާކަމުގެ އިޝާރާތެއް މިއަދު ދެއްވައިފި އެވެ.

ވަކީލުކަމުގެ ހުވާ އަލަށް މިއަދު ކުރެއްވި ވަކީލުންނާ މުހާތަބު ކުރައްވައި ނަސޭހަތް ދެއްވަމުން މުއުތަސިމް އަދުނާން ވިދާޅުވީ އެފަދަ ޖަލްސާއެއްގައި އެ ހައިސިއްޔަތުން ދެން އެމަނިކުފާނު ނުފެނިދާނެ ކަމަށެވެ.

"ހަމަ އެކަށީގެންވާ ކަމެއް މި ހައިސިއްޔަތުން މިފަދަ ޖަލްސާއަކުން ނުފެނުމަކީ ވެސް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މީގެ 32 އަހަރު ކުރިން ޝަރުއީ ދާއިރާގެ ކަންކަން ހުރީ މިހާރު ހުރި ގޮތަށް ނޫންކަން ފާހަގަކުރައްވައި މުއުތަސިމް ވިދާޅުވީ އެމަނިކުފާނު ހަނދާން ހުންނަން ފެށީއްސުރެ ވެސް ރާއްޖޭގައި އަބަދުވެސް ވަކީލުކަން ކުރަމުން އައި ކަމަށެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ބައެއް ބޭފުޅުންގެ ނަން ވެސް ވިދާޅުވި އެވެ.

ދުނިޔެ ހިނގަމުންދާ ވަރަކަށް ކަންކަން ބަދަލުވަމުން އައި ކަމަށް ވިދާޅުވެ މުއުތަސިން އަދުނާން ވިދާޅުވީ އެމަނިކުފާނު ވަކީލުކަން ކުރަން ނުކުންނެވިއިރު، އޭރު އިސްކޮށް ތިއްބެވި ބޭފުޅުން ވަރަށް އަގުހުރި ނަސޭހަތް ދެއްވި ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ފަށައިގެންއިރު، މުހިންމު ކަމަކަން އޭރު ތިއްބެވި ވަކީލުން ދެއްވާ ނަސޭހަތަކީ ސިއްރު ހިފަހައްޓައްޗޭ، ވަކީލުން ވަކީލުކަން ކުރާއިރު، ސިއްރު ހިފަހައްޓައްޗޭ،" މުއުތަސިމް ވިދާޅުވި އެވެ.

މުއުތަސިމް ވިދާޅުވީ ވަކީލުކަން ކުރާއިރު، ވަރަށް ބައިވަރު އިތުރު މައުލޫމާތު ވެސް ލިބޭނެ ކަމަށެވެ. ނަމަވެސް އެ ސިއްރު މައުލޫމާތު ސިއްރު ގޮތުގައި ހިފަހައްޓައި މީހުންގެ އިތުބާރު ހޯދަން މަސައްކަތް ކުރުމަށް އަލަށް ވަކީލުންނަށްވި ބޭފުޅުންނަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

މިއަދު އަލަށް ވަކީލުކަމުގެ ހުވާ ކުރެއްވި ބޭފުޅުންނަށް ނަސޭހަތްތެރިވަމުން މުއުތަސިމް ވިދާޅުވީ އަބަދުވެސް މާޒީގައި ކަން ހިނގާފައިވާ ގޮތާއި އެ މާޒީގެ ހާލަތާއި އެ ހާލަތު ބަދަލުވަމުން އައި ގޮތް ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަށެވެ.

މިސާލު ދައްކަވަމުން މުއުތަސިމް އަދުނާން ހަނދާން އައު ކުރެއްވީ 1932 ގައި އެކުލަވައިލި ފުރަތަމަ ގާނޫނުއަސާސީ އުވިގެންދިޔަ ގޮތާއި ފުރަތަމަ ޖުމްހޫރިއްޔާ ނިމިގެންދިޔަ ގޮތެވެ. އެއަށްފަހު ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް އައިސްފައިވާ ބަދަލުތަކަށް އެމަނިކުފާނު އަލިއަޅުއްވައިލެއްވި އެވެ.

އެއަށްފަހު ނަސޭހަތްތެރިވީ ބަދަލުވަމުންދާ ހާލަތުގައި އަބަދުވެސް ގާނޫނަށް އަހުލުވެރިވުމަށެވެ.