4 އޮގަސްޓު 2025 - 09:26 0
ލީވާން އަލީ ނާސިރު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު އޭރުގެ ރައީސް އަބްދުالله ޔާމީނާ ސަލާމް ކުރައްވަނީ: އުއްތަމަ ފަނޑިޔާރަކަށް އޭނާ އައްޔަންކުރަން މަޖިލީހަށް ވަނީ ހުށަހަޅާފައި -- ފޮޓޯ: ރައީސް އޮފީސް
4 އޮގަސްޓު 2025 - 09:26 0
ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް މުހައްމަދު މުއިއްޒު ދިން ލަފަޔާ އެއްގޮތަށް އޭނާގެ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، އެ މައްސަލަ ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ނަންތައް ޖޭއެސްސީން ތަރުތީބު ކުރިއިރު، އެންމެ ކުރީގައި އޮތީ ޣަނީގެ ނަމެވެ. އެ މަގާމަށް ކުރިމަތިލެއްވި ފެމިލީ ކޯޓުގެ ގާޒީ އަބްދުالله މުހައްމަދު (އަބްދުالله ގާޒީ) ގެ ނަން ދެވަނައަށް އޮތްއިރު، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ނަން އޮތީ ތިންވަނައަށްކަން އަދަދު އަށް އެނގިފައިވެ އެވެ.
ޝުޖާއު އުސްމާން އާއި ޣަނީ ވަނީ ސުޕްރީމް ކޯޓުގެ ބެންޗުން ދާދި ފަހުން ހުސްވި ދެ މަގާމަށް ވެސް ކުރިމަތިލައްވާފަ އެވެ. ނަމަވެސް އެ ދެ މަގާމަށް އައްޔަނުކުރީ ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ސަލީމް، އާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުالله ހަމީދު އެވެ.
ސުޕްރީމް ކޯޓުގެ ބެންޗަށް ޖޫން 2018 ގައި އައްޔަން ކުރުމުގެ ކުރިން ޣަނީ ވަނީ ސިވިލް ކޯޓާއި ހައި ކޯޓުގައި ވެސް ފަނޑިޔާރުކަން ކުރައްވާފަ އެވެ. މުއިއްޒުގެ ވެރިކަމުގައި އޭނާއަށް ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަން ދީފަ އެވެ.
ޣަނީ ދެކޮޅަށް ޖޭއެސްސީން ބެލި މައްސަލަތަކުގެ ތެރޭގައި 12 މެންބަރުން ގޮނޑި ގެއްލުވާލުމަށް ސުޕްރީމް ކޯޓުގެ ނެރުނު އަމުރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އަބްދުالله ދީދީ ހުންނެވިއިރު ރިޝްވަތު ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އޭނާ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމުމުން ސުޕްރީމް ކޯޓުން އެކަން ހުއްޓުވުމާއި ޖުޑީޝަލް ކައުންސިލެއް އުފެއްދުން ހިމެނެ އެވެ.
ޣަނީގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ޖޭއެސްސީން މައްސަލަތައް ބަލައި ފޮނުވި ރިޕޯޓަކަށް ބިނާކޮށް އޭނާ މަގާމުން ވަކިކުރީ ޑިސެމްބަރު 4، 2019 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުން އޭނާ ވަކިކުރަން 64 މެންބަރުން ވޯޓު ދެއްވި އެވެ. މަގާމުން ވަކިކުރިއިރު ވެސް އޭނާ ހުންނެވީ ސަސްޕެންޝަނުގަ އެވެ.
ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހު ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ހަތަރު ބޭފުޅަކު ކުރައްވާފަ އެވެ. އެއީ، އަބްދުالله ސައީދު، އަހްމަދު ފާއިޒު، އަހްމަދު އަބްދުالله ދީދީ އަދި މުއުތަސިމް އަދުނާން އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ. މިގޮތުން އުއްތަމަ ފަނޑިޔާރުގެ މަގާމުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައި ވަނީ ފަނޑިޔާރު އަބްދުﷲ ހަމީދުއާ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރުން ތިއްބަވަ އެވެ. އޭގެ ތެރެއިން ތިން ފަނޑިޔާރުން އައްޔަނު ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރެއްވުމުން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން މެޖޯރިޓީ ފަނޑިޔާރުންނަކީ މުއިއްޒުގެ ވެރިކަމުގައި އަލަށް އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަންނަވާނެ ބޭފުޅުންނެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގަތްއިރު އޮތް ސުޕްރީމް ކޯޓު ބެންޗުން ފަނޑިޔާރު ހުސްނުއް ސުއޫދު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑުކުރި އެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމުން، ސުއޫދު އިސްތިއުފާ ދެއްވީ، ސުޕްރީމް ކޯޓަށް މުއިއްޒު އާއި އެޓާނީ ޖެނެރަލް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު އެވެ.
އަޒްމިރާލްދާ އާއި މަހާޒުގެ މައްސަލަ ޖޭއެސްސީން ބަލައި، އެ ދެ ބޭފުޅުން ވަކިކުރަން މަޖިލީހުން ފާސްކުރި އެވެ.
Comment