Advertisement

އާ ޖެނެރޭޓަރެއް ގެންގޮސް، ހަލާކުވި ތިން ޖެނެރޭޓަރު މަރާމާތުކޮށް ހަފުތާއެއް ތެރޭ އައްޑޫ ކަރަންޓު މައްސަލައަށް ހައްލު ހޯދަނީ

17 ފެބުރުވަރީ 2025 - 19:40 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އާ ޖެނެރޭޓަރެއް ގެންގޮސް، ހަލާކުވި ތިން ޖެނެރޭޓަރު މަރާމާތުކޮށް ހަފުތާއެއް ތެރޭ އައްޑޫ ކަރަންޓު މައްސަލައަށް ހައްލު ހޯދަނީ

17 ފެބުރުވަރީ 2025 - 19:40 0

އައްޑޫ ސިޓީ ހިތަދޫ އާއި ގުޅިފައިވާ ރަށްރަށުގެ ކަރަންޓު މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ކޯޕަރޭޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އައްޑޫ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 1.8 މެގަވަޓްގެ ޖެނެރޭޓަރު ސެޓެއް އައްޑޫއަށް ގެންދަން ލޭންޑިން ކްރާފްޓަށް މިހާރު އަރުވާފައިވާ ކަމަށެވެ. އަދި ހަލާކުވެފައިވާ ތިން ޖެނެރޭޓަރުގެ ތެރެއިން އެކަތި މަރާމާތުކޮށް މިހާރު ހިންގަން ފަށާފައިވާ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ ހަލާކުވި ތިން ޖެނެރޭޓަރުގެ ތެރެއިން ދެވަނަ ޖެނެރާޓަރު މަރާމާތުކޮށް މި ހަފުތާ ތެރޭގައި ހިންގަން ފެށޭނެ ކަމަށާއި ތިންވަނަ ޖެނެރޭޓަރަށް ބޭނުންވާ ސްޕެއާ ރާއްޖެއިން ބޭރުން ލިބުމުން، ކުރިއަށް އޮތް ހަފުތާ ނިމުމުގެ ކުރިން އެ ވެސް ހިންގަން ފެށޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ އައްޑޫގެ ކަރަންޓު މައްސަލައަކީ ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ އިހުމާލުތަކެއްގެ ނަތީޖާ ކަމަށެވެ. ނަމަވެސް އައްޑޫއަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ޒިންމާ ނަގައިގެން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާނެ ކަމަށް ފެނަކައިން ބުންޏެވެ.

މިފަދަ ބަޔާނެއް ފެނަކައިން ނެރެފައިވާއިރު، އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލެއް ނުލިބި އޮތީ ފެނަކައިގެ އިސްވެރިންގެ ފަރުވާ ކުޑަކަމުން ކަމަށް ވިދާޅުވެ، ފެނަކައިގެ އިސްވެރިން މަޖިލީހަށް ހާޒިރު ކުރަން ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން މަރުޒޫގު އޮތީ ހުށަހަޅައިފަ އެވެ.

އަޒާން މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އައްޑޫއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް އެއް އަހަރު ވެގެންދިޔައިރު، އަދިވެސް ބައެއް އިންޖީނުތަކުގެ ސްޕެއާ ނުލިބޭ ކަމަށެވެ.

"އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ނުލިބި ދިގުލައިގެން ދިޔުމުގައި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންގެ އިހުމާލާއި ފަރުވާ ކުޑަކަން އޮތްކަމުގައި ދެކެން،" އަޒާންގެ ސިޓީގައި ލިޔުއްވާފައިވެ އެެވެ.

އައްޑޫގެ ކަރަންޓު މައްސަލައާ ގުޅިގެން އެ ސިޓީގެ ފެނަކަ އޮފީހުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނާ ބައްދަލުކޮށް ހޯދި މައުލޫމާތުން، އައްޑޫ ފެނަކައިން ހިންގާ އިންޖީނުގޭގައި ހުރި 17 އިންޖީނުގެ ތެރެއިން މިވަގުތު މަސައްކަތް ކުރަނީ އެންމެ 13 އިންޖީނުކަން އެނގިފައިވާ ކަމަށް އަޒާންގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.

ހަތަރު އިންޖީނަކަށް ބޮޑެތި މައްސަލަ ދިމާވެފައިވާއިރު، އޭގެ ތެރެއިން ތިން އިންޖީނަކީ މަރާމާތު ނުކުރެވޭ ހާލަތުގައި ހުރި އިންޖީނުތަކެއް ކަމަށް ވެސް ފެނަކައިގެ މުވައްޒަފުންނާ ހަވާލާދީ އަޒާންގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.

"އިންޖީނުތަކަށް މައްސަލަ ދިމާވާ މައިގަނޑު ސަބަބެއްގެ ގޮތުގައި މުވައްޒަފުން ފާހަގަކުރައްވަނީ ސްޕެއާ ހޯދުމަށް ރިކުއެސްޓް ކުރާތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދާއިރު ވެސް ސްޕެއާތައް ނުލިބި އިންޖީނުތަކުގެ މެއިންޓެނަންސް އަދި މަރާމާތުގެ މަސައްކަތް ނުކުރެވުމެވެ،" އަޒާންގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.