17 ފެބުރުވަރީ 2025 - 04:53 0
ލީވާން އަލީ ނާސިރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ޕީއެންސީއަށް ވަގަށް މެންބަރުން ވެއްދި ވާހަކަ މަޖިލީހުގައި ނުދެއްކޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: މަޖިލިސް
17 ފެބުރުވަރީ 2025 - 04:53 0
ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ވަގަށް މެންބަރުން ވެއްދި ވާހަކަ ރައްޔިތުންގެ މަޖިލީހުގައި ނުދެއްކޭނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިގޮތަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމަަށް މަޖިލީހުގެ މިނިވަން މުައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވާހަކަ ދައްކަވަނިކޮށް ހުއްޓުވުމަށްފަހު އެވެ.
އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގައި ކުރިއަށްދަނީ ޕާޓީ ޖަލްސާއެއް ނޫން ކަމަށެވެ. މިގޮތުން ހުށަހެޅިފައިވާ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރެއްވުމަށް އެދޭ ކަމަށެވެ.
"ޕީއެންސީއަށް މެންބަރުން ވެއްދުމާއި ނުވެއްދުމުގެ ވާހަކަ މިތާކު ނުއެއް ނުދެއްކޭނެ. އެއީ މިއީ ޕާޓީ ޖަލްސާއެއް ނޫން ބާއްވައިގެން މިއުޅެނީކީއެއް. ރައްޔިތުންގެ މަޖިލިސް ހިނގަމުން މިދަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވައި ޒިޔާދު ވިދާޅުވީ އޭނާ ވެސް ހިމެނޭ ގޮތަށް ޕީއެންސީއަށް ގިނަ ބަޔަކު ވެއްދުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އެކަމަކު އެކަމާ ގުޅިގެން އިލެކްޝަނުން ވެސް ބަހެއް ނުބުނަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތުމުން ކަމަށވެެ.
ވަގު ފޯމުތަކުގެ މައްސަލަ ފުލުހުން ވެސް ނުބަލާކަން ފާހަގަކުރައްވާ ޒިޔާދު ވިދާޅުވީ އެ މައްސަލަ ބަލާ މުއައްސަސާއާ ހަވާލުވެގެން ހުރީ އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅާ ކަމަށެވެ.
"ޕާޓީއަށް މީހުން ވައްދަން ވަޒީރުންނާއި މެންބަރުންނާއި ވަރަށް ބުރަ މަސައްކަތްކޮށް ރަށަށަށް ގޮސްގެން މީހުން ވެއްދި. ވަރަށް ގިނަ މީހުން ވެއްދި. އެހެންނަމަވެސް އެ ބާރާއި އިހުތިޔާރު އޮތަތީވެ އެ ވަޒީރު ބޭނުންކުރީ އޭގެ ޝޯޓްކަޓް،" ޒިޔާދު ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީ އާއި އެހެނިހެން ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ޕީއެންސީއަށް ވަގަށް މެންބަރުން ވެއްދި މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައި ދަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު އެ މައްސަލައާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
25.00%
0.00%
75.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment