17 ފެބުރުވަރީ 2025 - 10:17 0
އަމަން ހަލީމް
ލޯކަލް ޓޫރިޒަމުގައި ފުންނާބު އުސް ބ. ކަމަދޫގައި ހުންނަ ގެސްޓު ހައުސްއެއް: މިހާރު ހިންގަމުން އަންނަ ގެސްޓު ހައުސްތަކަށް ބީއެމްއެލް ގެސްޓު ހައުސް ލޯނު ލިބޭ -- ފޮޓޯ: އަދަދު
17 ފެބުރުވަރީ 2025 - 10:17 0
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގެސްޓު ހައުސް ފައިނޭންސިންއަށް ގެނައި ބަދަލުތަކުގެ ދަށުން އިމާރާތްކުރާ ގެސްޓު ހައުސް ރަހުނުކުރަމަށް ފަހު އިތުރު ރަހުނަކާ ނުލައި ފައިސާ ލިބޭ ގޮތް ހަމަޖެހިއްޖެ އެވެ.
ކުރިން އޮންނަ ގޮތުން ގެސްޓު ހައުސް ލޯނު ލިބެނީ, އެހެން އިމާރާތެއް ނޫނީ ގޯތި ރަހުނުކޮށްފަ އެވެ. އަދި ކައުންސިލުތަކުން ދީފައިވާ ބިންތަކުގައި ވެސް ގެސްޓު ހައުން އަޅަން ލޯނު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެ އެވެ.
މި ބަދަލާ ގުޅޭ ގޮތުން, އައްޑޫ ސިޓީގައި ޑޮލަރު އޭޓީއެމް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި, ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ސިފަކުރެއްވި ގޮތުގައި, މިއާ އެކީ ހައްލު ހޯދައިދެވުނީ ކަސްޓަމަރުންނަށް ކުރިން ދިމާވީ އެންމެ ބޮޑު ދައްޗަށެވެ.
"މިހާރު މިގެނެވުނު ބަދަލާއިއެކު އިމާރާތްކުރާ ގެސްޓު ހައުސް މޯގޭޖް ކުރުމަށްފަހު އިތުރު ރަހުނަކާ ނުލައި އެ ޕްރޮޖެކްޓްގެ 70 ޕަސެންޓާ ހަމަޔަށް ފައިނޭންސިން ހަމަޖެހިގެންދާނެ," އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް ގެސްޓު ހައުސް ލޯނުގެ މުހިންމު ސިފަތައް
ބީއެމްއެލްގެ ގެސްޓު ހައުސް ފައިނޭންސިންއަކީ މާލެ އާއި އަތޮޅުތެރޭގައި ގެސްޓު ހައުސް ނުވަތަ ހޮޓާ އިމާރާތްކުރަން ފައިސާ ލިބޭ ލޯނެކެވެ. މިހާރު ހިންގަމުންދާ ގެސްޓު ހައުސްތައް އިތުރަށް ތަރައްގީކުރާށާއި މަރާމާތުކުރަން ވެސް މި ލޯނު ލިބެ އެވެ.
ބީއެމްއެލްއިން މި ގެނައި ބަދަލުގެ ސަބަބުން ގެސްޓު ހައުސް ތަރައްގީކުރަން ބޭނުންވާ މީހުންނަށާއި ވިޔަފާރިތަކަށް ފަހި ހައްލެއް ލިބިގެން ދާނެ ކަަމަށް އެ ބޭންކުން ބުނެ އެވެ. އަދި މިއީ ރަށު ޓޫރިޒަމް ކުރިއަރުވަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ބޭންކުން ގަބޫލުކުރެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment