17 ފެބުރުވަރީ 2025 - 10:20 0
އަތޫފް އާތިފް
ގޯލު ޖެހުމަށްފަހު އިލާން އުފާފާޅުކުރަނީ, މި މެޗުގައި އިލާން ތިން ގޯލު ޖެހި - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
17 ފެބުރުވަރީ 2025 - 10:20 0
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކުރިއިރު, ކްލަބް އީގަލްސް އިން ފުރަތަމަ މޮޅު ހޯދައިފި އެވެ.
އިއްޔެ ހަވީރު މާޒިޔާ އިން ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރިހޯދީ 6-0 ގެ ނަތީޖާ އަކުންނެވެ. މާޒިޔާ އިން މުބާރާތް ފެށީ އީގަލްސް ބަލިކޮށްފަ އެވެ.
މި މެޗުގެ އަށް ވަނަ މިނިޓްގައި މާޒިޔާއިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު އިލާން އިމްރާން އެވެ. އަދި މެޗުގެ 14 ވަނަ މިނިޓްގައި މާޒިޔާގެ އިދާން އަހުމަދު ގޯލު ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ.
މެޗުގެ 27 ވަނަ މިނިޓްގައި މާޒިޔާގެ އަނޫފް އަބްދުالله އެޓީމުގެ ތިން ވަނަ ގޯލު ޖެހިއިރު, ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ ހަތަރު ވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ނަސާހް އިބްރާހީމް ނާސިރެވެ.
މެޗުގެ ދެ ވަނަ ހާފުގައި ވެސް މާޒިޔާ ފެނިގެންދިޔައީ މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު މަންޒަރެވެ. އެކަމަކު މި ހާފުގައި މާޒިޔާ އަށް ޖެހުނީ ދެ ގޯލެވެ. މި ދެ ގޯލުވެސް އެ ޓީމަށް ޖަހައިދިނީ އިލާން އެވެ. އިލާން ވަނީ މާޒިޔާ އަށް އޭނާގެ ފުރަތަމަ ހެޓްރިކް ހަދައިދީފަ އެވެ.
މީގެ އިތުރުން ރޭ ކްލަބް އީގަލްސް އިން ވަނީ ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކުރިހޯދައިފަ އެވެ. މިއީ މި އަހަރުގެ މުބާރާތުގައި އީގަލްސް އިން ހޯދި ފުރަތަމަ މޮޅެވެ.
މި މެޗުގެ ފަސްވަނަ މިނިޓްގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ބުރުންނެވެ. މެޗުގެ ފަސްވަނަ މިނިޓްގައި މި ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ނައިސަމް ނަދީމް އެވެ.
އެކަމަކު، މެޗުގެ 22 ވަނަ މިނިޓްގައި އީގަލްސްގެ އަބްދުالله ޒުހާން ހަސަން މުހައްމަދު ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި އޭގެ ހަތް މިނިޓް ފަހުން އީގަލްސް އަށް ލީޑު ނަގައިދިނީ އަސްހަމް އިބްރާހީމް މުހައްމަދު ޖެހި ގޯލުންނެވެ.
މެޗުގެ 52 ވަނަ މިނިޓްގައި އަބްދުالله ޒުހާން ހަސަން މުހައްމަދު އީގަލްސްގެ ތިން ވަނަ ގޯލު ޖެހިއިރު, އީގަލްސްގެ ހަތަރުވަނަ ގޯލު ޖަހައިދިނީ މެޗުގެ 73 ވަނަ މިނިޓްގައި އަސްހަމް އިބްރާހީމް މުހައްމަދު އެވެ.
Comment