15 ފެބުރުވަރީ 2025 - 07:20 7
މުހައްމަދު ޝަހްޒާން
މެންބަރު ސިނާން
15 ފެބުރުވަރީ 2025 - 07:20 7
ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާތީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި އޮއްވައި، އެ ދަރަނި ދައްކައިފިކަން "އަދަދު' ނޫހަށް އެނގިއްޖެ އެވެ.
އެހެން ބަޔަކާ ގުޅިގެން ސިނާނު މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި 3.8 މިލިއަން ރުފިޔާގެ ލޯނު، އެއްބަސްވުމާ އެއްގޮތަށް ނުދައްކާ އޮވެގެން އެ ފައިސާ ހޯދަން އައްޑޫ ހިތަދޫ ކޯޓަށް ހުށަހެޅި މައްސަލައިގައި އޮކްޓޯބަރު 14، 2024 ގައި ހުކުމް ކުރީ އެ ތާރީހާ ހަމައަށް ދައްކަން އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ދެއްކުމަށެވެ.
ނަމަވެސް ކޯޓުން ދިން މުއްދަތު ހަމަވިއިރު ވެސް އެ ފައިސާ ސިނާނު ދައްކާފައި ނުވާކަން އިތުބާރު ކުރެވޭ މަސްދަރުތަކުން މި ނޫހަށް ކަށަވަރުކޮށް ދިނެވެ. އެހެންވެ، ހިތަދޫ ކޯޓުގެ ހުކުމް ތަންފީޒުކޮށް ދިނުމަށް އިސްލާމިކް ބޭންކުން ހުށަހެޅި އެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމާއި، މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ.
އެހެންވެ، ސިނާނުގެ ގޮނޑި ގެއްލިފައިވާކަން ކަނޑައަޅައި ދޭން ޣާލިބު ސަލީމު ނަމަކަށް ކިޔާ މީހާކު ސުޕްރީމު ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
ސާބިތު ދަރަނީގެ މައްސަލައިގައި ސިނާނު ގޮނޑި ގެއްލިފައިވާ ކަމަށް އަޑުތައް ފެތުރެން ފެށުމާއެކު، ބޭންކަށް ދައްކަން އޮތް ފައިސާ ދައްކާފައިވާ ކަމާއި، އެހެންވެ އިސްލާމިކް ބޭންކުން މައްސަލަ އަނބުރާ ނަގާފައިވާކަން ބައެއް މަސްދަރުތަކުން މި ނޫހަށް ކަށަވަރުކޮށް ދިނެވެ.
މިކަމާ ގުޅިގެން ސިނާނު އަދި އިސްލާމިކް ބޭންކުގެ ބަހެއް ނުލިބެ އެވެ. މި ނޫހުން ކުރި ފޯނަށް، އަދި ކުރި މެސެޖަށް ވެސް ސިނާނު ޖަވާބެއް ނުދެއްވަ އެވެ.
ސިނާނު ވެގެންދާނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭ ފުރަތަމަ މެންބަރަށެވެ.
ސިނާނުގެ ގޮނޑި ގެއްލުނަސް ވެރިކަންކުރާ ޕީއެންސީއަށް މަޖިލީހުގައި އޮތް ފުރިހަމަ މެޖޯރިޓީއަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ. އޭނާ އާއެކު މަޖިލީހުގައި މިވަގުތު އެ ޕާޓީގެ 75 މެންބަރުން އެބަތިއްބެވެ. 20 ވަނަ މަޖިލީހުގައި ތިބެނީ ޖުމްލަ 93 މެންބަރުންނެވެ.
Comment