15 ފެބުރުވަރީ 2025 - 10:02 0
އަތޫފް އާތިފް
އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ޓީސީ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
15 ފެބުރުވަރީ 2025 - 10:02 0
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން، އޮޑި ސްޕޯޓްސް ކްލަބުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފި އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ މައްޗަށް އޮޑިން ކުރިހޯދީ 3-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ 40 ވަނަ މިނިޓްގައި އޮޑި އަށް ލީޑު ނަގައިދިނީ އަހުމަދު ރުޔާން ޖެހި ގޯލުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލީ ނާއިޝް އަހުމަދު ވަހީދު ވަނީ އިތުރު ގޯލެއް ޖަހައި އޮޑީގެ ލީޑު ފުޅާކޮށްދީފަ އެވެ.
އެކަމަކު، މެޗުގެ 52 ވަނަ މިނިޓްގައި ޝާއިން އިބްރާހީމް ރަމީޒް ވަނީ ވިކްޓަރީ އަށް ގޯލު ޖަހައިދީ ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު މެޗުގެ 77 ވަނަ މިނިޓްގައި އޮޑީގެ ނާއިޝް ވަނީ ގޯލު ޖަހާ އަލުން ލީޑު ފުޅާކޮށްދީފަ އެވެ.
މީގެ އިތުރުން ރޭ ކުޅުނު މެޗުގައި ޗެމްޕިއަން ޓީސީން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ 19 ވަނަ މިނިޓްގައި ޓީސީ އަށް ލީޑު ނަގައިދިނީ މުހައްމަދު ލޫތު ހުސެއިން ޖެހި ގޯލުންނެވެ. އެކަމަކު މެޗުގެ 31 ވަނަ މިނިޓްގައި މުހައްމަދު އިޒާން އަލީ ވަނީ ސަސް އަށް ގޯލު ޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
އެކަމަކު މެޗުގެ 51 ވަނަ މިނިޓްގައި ޝަހުދާން އަބްދުލް ގަނީ ވަނީ ގޯލު ޖަހާ އަލުން ޓީސީ އަށް ލީޑު ނަގައިދީފަ އެވެ.
ޓީސީގެ ލީޑު ފުޅާކޮށްދިނީ އަލީ އައިހަމް ޖެހި ގޯލުންނެވެ.
މި މުބާރާތުގައި މާދަމާ ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި މާދަމާ ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އިން ނުކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި މާދަމާ ރޭ ކްލަބް އީގަލްސް އިން ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
Comment