Advertisement

ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރުމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުންނާ އާންމުން ތެދުވަން ގޮވާލައިފި

15 ފެބުރުވަރީ 2025 - 20:20 11

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭގައި ޓެކްސީއެއް: ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފްކުރުމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުންނާ އާންމުން ތެދުވަން ޑްރައިވާސް އެސޯސިއޭޝަނުން ވަނީ ގޮވާލާފައި -- ފޮޓޯ: އަދަދު ފައިލް


ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރުމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުންނާ އާންމުން ތެދުވަން ގޮވާލައިފި

15 ފެބުރުވަރީ 2025 - 20:20 11

އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ބޮޑެތި ކުރިއެރުންތަކެއް ހޯދި ދާއިރާ މެދު އަޅަމުންދާ ބޭއިންސާފު ފިޔަވަޅުތަކާއި ދެކޮޅަށް ހުރިހާ ޓެކްސީ ޑްރައިވަރުންނާއި އާންމުންގެ އެހީތެރިކަމާއި އެއްބަވަންތަ ކަމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ގޮވާލައިފި އެވެ.

އެ އެސޯސިއޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޓެކްސީ ޑްރައިވަރުންނާއި ދާއިރާގެ އެންމެހާ ސްޓޭކް ހޯލްޑަރުންގެ ކަންބޮޑުވުންތައް އެއްފަރާތްކޮށް، ޓެކްސީ ފްލީޓެއް ފަށަން ސަރުކާރުން ނިންމި ނިންމުމަކީ ދާއިރާގެ މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް އެންމެހާ ފަރާތްތަކުގެ އާއިލާގެ ހައްގަށް ސަރުކާރުން ވިސްނާލުމެއް ނެތި ކޮށްފައިވާ ކަމެއް ކަމަށެވެ.

"މިއީ އެކަށީގެންވާ މަޝްވަރާތަކާއި ދިރާސާތަކާ ނުލައި އެފަދަ އެއްވެސް ފްލީޓެއް ތައާރަފު ނުކުރާނެ ކަމަށް މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓަރު ދެއްވި ޔަގީންކަމާ ސީދާ ހިލާފު ނިންމުމެއްކަން ފާހަގަކޮށްލަން،" އެ އެސޯސިއޭޝަނުން ބުންޏެވެ.

ޑްރައިވާސް އެސޯސިއޭޝަނުން ބުނީ ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާ އެކު ޓެކްސީ ފްލީޓް ތައާރަފް ކުރުމުން ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއި ކާރުތައް ކުއްޔަށް ދޫކުރާ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ނިކަމެތިވެ، ކުދި ވިޔަފާރިތައް ހީނަރުވެ، ދާއިރާގައި އިންސާފުވެރިކަމާއި ވާދަވެރިކަން ނެތިގެންދާނެ ކަމެއް ކަމަށެވެ.

އެ އެސޯސިއޭޝަނުން އިތުރަށް ބުނީ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާ އެކު ދެކެވުނު ނަމަވެސް، ދެފުށް ފެންނަ ގޮތެއްގައި ޓްރާންސްޕޯޓް މިނިސްޓްރީން އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ.

ދާއިރާގައި އަމާނާތްތެރިކަމާ އެކު މަސައްކަތް ކުރާ އެންމެހާ ހިދުމަތްތެރިންގެ ހައްގަށް އަރައިގަނެ، އެފަދަ ނިންމުމެއް ނިންމި ސަބަބު ސާފުކޮށްދިނުމަށް ވެސް އެ އެސޮސިއޭޝަނުން ވަނީ ގޮވާލައިފަ އެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަން އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ ޖުލައި 25، ގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ނުކުމެ އިހުތިޖާޖު ކުރުމުން އޯގަސްޓު 4، ގައި ސަރުކާރުގެ ނިންމުން ބަދަލުކުރި އެވެ.

އެކަމަކު ސަރުކާރުން އަނެއްކާ ވެސް ޓެކްސީ ލައިނެއް ތައާރަފްކުރާ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިދިޔަ އޮކްޓޫބަރު 29, ގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި އެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް މިހާރު ނިންމާފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ޓެކްސީ ހިދުމަތް ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މި އަހަރު ފަށާނެ އެވެ.

މަޝްރޫއުގެ ދެވަނަ ފިޔަވަހި ވިލިމާލެ، ގުޅީފަޅު އާއި ތިލަފުށީގައި 2026 އަދި 2027 ގައި ފަށާއިރު، ތިންވަނަ ފިޔަވަހި ކުރިއަށް ގެންދާނީ ރަސްމާލެ އާއި ގިރާވަރުގަ އެވެ.