Advertisement

19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް: މާޒިޔާ އާއި ވެލެންސިއާ ޔޫތު ޗެމްޕިއަންޝިޕް ފެށީ މޮޅަކުން

14 ފެބުރުވަރީ 2025 - 10:04 0

އަތޫފް އާތިފް

އަތޫފް އާތިފް


19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް: މާޒިޔާ އާއި ވެލެންސިއާ ޔޫތު ޗެމްޕިއަންޝިޕް ފެށީ މޮޅަކުން

14 ފެބުރުވަރީ 2025 - 10:04 0

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި މާޒިޔާ ސްޕޯޓްސް ކްލަބް އާއި ކްލަބް ވެލެންސިއާ އިން ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފި އެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި މާޒިޔާ އިން ނުކުތީ މި މުބާރާތުގައި އެންމެ ކާމިޔާބު އެއް ޓީމު ކްލަބް އީގަލްސްއާ ދެކޮޅަށެވެ. މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ހަތްވަނަ މިނިޓްގައި މާޒިޔާ އަށް ލީޑު ނަގައިދިނީ މުހައްމަދު އިމާން އަހުމަދު ޖެހި ގޯލުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ ލީޑު ފުޅާކޮށްދިނީ މުހައްމަދު އިލާން އިމްރާން ޖެހި ގޯލުންނެވެ.

މާޒިޔާގެ ތިންވަނަ ގޯލު މެޗުގެ 60 ވަނަ މިނިޓްގައި އެ ޓީމަށް ޖަހައިދިނީ އަނޫފް އަބްދުالله އެވެ. އެކަމަކު މެޗުގެ 85 ވަނަ މިނިޓްގައި އީގަލްސްގެ އީމާން މުހައްމަދު ވަހީދު ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ.

މީގެ އިތުރުން، ރޭ ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް ވެލެންސިއާ އިން ކުރިހޯދީ 2-0 ގެ ނަތީޖާ އަކުންނެވެ.

މުޅި މެޗުކަހަލަ ގޮތަކަށް ވެލެންސިއާ އިން ކޮންޓްރޯލް ކޮށްގެން ކުޅުނު މި މެޗުގެ 10 ވަނަ މިނިޓްގައި ވެލެންސިއާ އަށް ލީޑުނަގައިދިނީ ލަހުފާން އަހުމަދު ޝަހީމް ޖެހި ގޯލުންނެވެ. މި ގޯލަށްފަހު ވެސް ވެލެންސިއާ އިން ވަނީ ބުރުގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ.

ވެލެންސިއާގެ ލީޑު ފުޅާކޮށްދިނީ މެޗުގެ ދެވަނަ ހާފު ނިމެން ދަނިކޮށް އަހުމަދު ކައިން ޖެހި ހިތްގައުމު ގޯލުންނެވެ. ބުރުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިއާ ބޭރުން ކައިން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުމްލަ ނުވަ ޓީމުގެ މެދުގަ އެވެ. އެ ގޮތުން، ގްރޫޕް އޭގައި ހިމެނެނީ، އީގަލްސް އާއި މާޒިޔާގެ އިތުރުން، ކްލަބް ވެލެންސިއާ އާއި ބުރު ސްޕޯޓްސް ކްލަބް އަދި ކްލަބް ގްރީން ސްޓްރީޓްސް އެވެ.

ގްރޫޕް ބީގައި ހިމެނެނީ، އޮޑި ސްޕޯޓްސް ކްލަބާއި އެންމެ ފަހުގެ ޗެމްޕިއަން، ޓީސީ ސްޕޯޓްސް ކްލަބާއި ރަނަރަޕް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކްލަބް އެވެ.

މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު އޮޑި ސްޕޯޓްސް ކްލަބުން ނުކުންނާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބުން ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށެވެ.