13 ފެބުރުވަރީ 2025 - 14:37 0
މުހައްމަދު ޝަހްޒާން
ސޯޝަލް ޑިވެލޮޕްމެންޓް މިނިސްޓަރު، ޑރ. އައިޝަތު ޝިހާމް ރައީސް އޮފީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
13 ފެބުރުވަރީ 2025 - 14:37 0
ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިންގެ އަދަދު ކުރިއާ އަޅައި ބަލާއިރު މަދުވެ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާ ހަވާލުވާ އާއިލާތަކުގެ އަދަދު އިތުރުވަމުންދާ ކަމަށް ސޯޝަލް ޑިވެލޮޕްމެންޓް މިނިސްޓަރު، ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ އަދާހަމަ މީޑިއާތަކާ ހިއްސާ ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު، އައިޝަތު ޝިހާމް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން 67 ކުއްޖަކު މިހައިތަނަށް އާއިލާތަކާ ހަވާލު ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މިހައިހިސާބަށް 67 ކުއްޖެއް އާއިލަތަކާ ހަވާލު ކުރެވިއްޖެ، އޭގެތެރޭގައި އަމިއްލަ އާއިލާތައް ކަމުގައިވިޔަސް ނުވަތަ ތިމާގެ ފަރާތްތަކެއް ކަމަށް ވިޔަސް ނުވަތަ އަޅުގަނޑުމެން މި ކިޔާ ފޮސްޓާ ކުރުމުގެ ތެރެއިން ވިޔަސް،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފޮސްޓާ ކުރުމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ. އެގޮތުން ކުދިންނާ ހަވާލުވެގެން ގެންދިޔަ އާއިލާތަކުން އެ ކުދިން ވަރަށް ރަނގަޅަށް ބަލަހައްޓަމުންދާކަން އައިޝަތު ފާހަގަކުރެއްވި އެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް އުފަން ކޮންމެ ކުއްޖަކަށް އާއިލާއެއް ހޯދައިދެވޭނެ ކަމުގެ އުއްމީދު ބޮޑުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއާ އެއްކޮށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ އަނެއް ކަމަކީ މުޖުތަމައު ތެރޭގައި އެ އެހީތެރިކަމާޢި އެ އަޅައިލުމާއި އެ ބައިތައް ވެސް އެބަ އިތުރުވާކަން، އެއީ އަޅުގަނޑުމެންނަށް ކުރީގައި މި ދެންނެވިހެން މިހާރު 67 ކުދިން އާއިލަތަކާ ހަވާލު ކުރެވުނުއިރު، އަޅުގަނޑުމެންނަށް 35 އިތުރު ފަރާތަކުން ރިކުއެސްޓް ކުރެވިގެން އެ ޕްރޮސެސް އެބަ ހިނގާ،" އައިޝަތު ވިދާޅުވި އެވެ.
އޭގެއިތުރުން، މުޖުތަމައުގައި ކުދިންނާމެދު އަމަލު ކުރާ ގޮތާއި އެ ކުދިންނަށް އަޅައިލާ މިންވަރު ވެސް އިތުރުވެ ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް މިނިސްޓަރު އައިޝަތު ވިދާޅުވި އެވެ.
"ހަމަ އެއާއެކީގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ދައުލަތަށް ނެގޭ ކުދިންގެ އަދަދުވެސް އެބަ މަދުވެގެން ދޭކަން، އެއީ އާއިލާތަކުގެ ތެރޭގައި ކުދިން ބެލެހެއްޓުމުގެ ކަންތައް ހުރިގޮތުގެ ސަބަބުންނާއި އަދި އަޅައިލެވޭ މިންވަރު އިތުރު ވާތީ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ، އެހެންވީމާ 2022 އާ އަޅައިބަލާއިރު، މިހާރު، 2024 ގައި އަޅުގަނޑުމެން ގާތްގަނޑަކަށް 19 އިންސައްތަ ދަށް، އަޅުގަނޑުމެންގެ ސެންޓާސްގައި ތިބި ކުދިން، އަދި އާ ކުދިން ނެގުން ވެސް ގާތްގަނޑަކަށް 23 އިންސައްތަ ދަށް ވެގެންދިޔަ،" އައިޝަތު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment