13 ފެބުރުވަރީ 2025 - 10:20 0
ލީވާން އަލީ ނާސިރު
ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު: އޭނާގެ ކުންފުނި ޔޮޓް ޓުއާޒްގެ އެކައުންޓް މިރާއިން ފްރީޒްކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައި -- ފޮޓޯ: އަދަދު ފައިލް
13 ފެބުރުވަރީ 2025 - 10:20 0
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓްއާޒު މޯލްޑިވްސްގެ އެކައުންޓް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފްރީޒްކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.
މީރާއިން އެކައުންޓްތައް ފްރީޒްކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ނިންމި ނިންމުން ބާތިލުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ އެ ދެ ކޯޓުން ވެސް މައްސަލަ ނިންމީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ.
ސުޕްރީމް ކޯޓުން މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު އިބްރާހިމް އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އަޒްމިރާލްދާ އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ރައުޔުގައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި ޔޮޓް ޓްއާޒުއާ ދެމެދު ރިސޯޓުތަކަށް ކުލި ދެއްކުމާ ގުޅޭ ގޮތުން ވަކި ގޮތަކަށް އެއްބަސްވެފައި ވަނިކޮށް، އެ އެއްބަސްވުންތަކުގެ ބޭރުން މީރާއަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ފިޔަވަޅުތަކެއް އެޅުމަށް ބާރު ލިބިފައިވާ ކަމަށް ކަނޑައަޅާފައި ވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ.
"މި މައްސަލައިގައިވާ ފަދައިން، ކުލި ނުދައްކައިފިނަމަ އަމަލު ކުރަން ޖެހޭ ގޮތް އެއްބަސްވުންތަކުގައި އެއްވެސް އޮޅުމެއްނެތި ސަރީހަކޮށް ބަޔާން ކޮށްފައިވާއިރު، ކޮންޓްރެކްޓުގެ އެއް ބައިވެރިއަކު ގަވާއިދަކުން ތައާރަފްކުރާ އެހެން ހައްލެއް އެއްބަސްވުންތަކުގެ މައްޗަށް ހިނގަންޖެހޭ އެއްވެސް ގާނޫނީ ސަބަބެއް ނެތް،" އެ ރައުޔުގައިވެ އެވެ.
އެ ރައުޔުގައި އިތުރަށް ވިދާޅުވީ މައްސަލައިގައި އަމަލު ކުރަން ޖެހޭ ގޮތް ސާފުކޮށް ދެ ފަރާތުންވި އެއްބަސްވުންތަކުގައި ބަޔާން ކޮށްފައިވުމުން، ޒިމްނީ މާއްދާއެއް އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމުގެ ބަހުސަކަށް ދާން ނުޖެހޭ ކަމަށެވެ.
ކުލި ނުދެއްކިއްޖެ ނަމަ، ނުދެއްކި އޮތް އަދަދުގެ 0.5 ޕަސެންޓުގެ ރޭޓުން ދުވާލެއްގެ މައްޗަށް ފައިސާ ދައްކަން ޖެހޭ ކަމަށް އެއްބަސްވުމުގައިވެ އެވެ. އަދި ކުއްޔާއި ޖޫރިމަނާ ނުދައްކައިފި ނަމަ އެއްބަސްވުން ބާތިލު ކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް އޮތްކަން ރައުޔުގައި ފާހަގަކޮށް ކުރައްވާފައިވެ އެވެ.
މައްސަލައިގައި އަޒްމިރަލްދާގެ ރައުޔުއަށް ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އާއިޝަތު ޝުޖޫން ވަނީ ތާއިދު ކުރައްވާފަ އެވެ.
Comment