12 ފެބުރުވަރީ 2025 - 09:55 4
މުހައްމަދު ޝަހްޒާން
ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން މަރުޒޫގު -- ރައްޔިތުންގެ މަޖިލިސް
12 ފެބުރުވަރީ 2025 - 09:55 4
ގޭންގު ކުށްތައް ހުއްޓުވުމަށް ގާނޫނު ހަދާއިރު، އެންމެ އިސްކަމެއް ދޭންވީ ގިނަ ބަޔަކަށް އަދަބު ދިނުމުގެ ބަދަލުގައި ގޭންގުތަކަށް ޒުވާނުން ވަންނަ ސަބަބުތައް ދެނެގަނެ އެ ސަބަބުތައް ނައްތައިލުމަށް ކަމަށް ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެ އެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މުސްތަފާ ހުސައިން މަޖިލީހަށް ހުށަހަޅާފައިވާ ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލަށް ބަހުސް ކުރައްވަމުން އަޒާން ވިދާޅުވީ އެެއްވެސް ކުއްޖަކު ބޮޑުވަމުން އަންނައިރު، ގޭންގަކަށް ވަންނަން އަޒުމު ކަނޑަނާޅާނެ ކަމަށެވެ. ނަމަވެސް ޒުވާން އުމުރަށް އަޅާއިރު، ގޭންގުތަކަށް އެ ކުދިން ވަންނަން މެދުވެރި ވަނީ އެ ކުއްޖަކު ބޮޑުވަމުން އަންނަ މާހައުލުގެ ސަބަބުން ކަމަށާއި އެފަދަ ކުދިންނަށް އެކަށީގެންވާ ފުރުސަތުތައް ލިބިފައި ނުހުންނަ ކަމަށެވެ.
"ގޭންގު ކުށްތަކާއި ރޭވިގެން ހިންގާ ކުށްތައް ހުއްޓުވަންޖެހޭ ކަމާމެދު އަޅުގަނޑުމެން އެއްވެސް މީހަކު ދެބަހެއް ނުވޭ، އެހެންނަމަވެސް މިފަދަ މުހިންމު ބިލަކަށް އަޅުގަނޑުމެން ބަހުސް ކުރަމުންދާއިރު، އަޅުގަނޑުމެން ވިސްނައިލަންޖެހޭ ކަމެއް އެބަ އޮތް، އެއީ މިފަދަ ގޭންގު ކުށްތައް ކުރަން މެދުވެރިވާ ސަބަބު، ޒުވާން އުމުރުގައި ގޭންގުތަކުގައި ކުދިން ބައިވެރިވަނީ ކީއްވެތޯ އަޅުގަނޑުމެން ހޯދަން އެބަޖެހޭ، އެފަދަ ކަންތައްތައް އަޅުގަނޑުމެން ބަލައި ދިރާސާކޮށް އެ ކަންތައްތަކަށް އަޅުގަނޑުމެން ހައްލު ހޯދަން އެބަޖެހޭ،" އަޒާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރުގެ އެހެން ބައެއް ގައުމުތަކުގައި ހަދާފައި ހުރި ދިރާސާތަކުން ދައްކާ ގޮތުން ގޭންގުތަކަށް ޒުވާނުން ވަންނަނީ އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް އެ މީހުންނަށް ނުލިބުމާއި، ގޭންގުތަކަށް ވަދެ އެ ކުރާ ކުށްތަކުގެ ސަބަބުން ލިބޭ މާލީ މަންފާ ބޮޑުވުމުން ކަމަށެވެ. އަދި ރާއްޖޭގައި ވެސް އެކަން އޮތީ އެގޮތަށް ކަމަށް ގަބޫލު ކުރާނެ ޖާގަ އޮތް ކަމަށް އަޒާން ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން އަޒާން ނެންގެވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ އައްޑޫ ސިޓީ އެވެ. އެ ސިޓީގައި އާދަޔާ ހިލާފަށް ގޭންގު ކުށްތައް އިތުރުވަމުންދާއިރު، އެ ސިޓީގައި އިގުތިސާދީ ހަރަކާތްތަކާއި ވަޒީފާގެ ފުރުސަތުތައް މަދުކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ 400،000 އެއްހައި ކުޑަކުޑަ އާބާދީއެއް އޮތް ގައުމެއް، އެންމެންނަކީ ދެކެފަރިތަ މީހުން، ގޭންގު ކުށްތައް ހައްލު ކުރަން އަޅުގަނޑުމެންނަކަށް އެފޯޑެއް ނުކުރެވޭނެ ޒުވާނުންގެ އާބާދީގެ ބޮޑު ޕަސެންޓެއް ހުރަގެއަށް ލައިގެން އެކަމަށް ހައްލެއް ހޯދާކަށް، އޭގެ ބަދަލުގައި އަޅުގަނޑުމެން ހައްލު ހޯދަންވީ އަޅުގަނޑު ކުރިން ވެސް މި ދެންނެވި ފަދައިން ގޭންގު ކުށްތަކަށް މީހުން ބައިވެރި މިވާ ސަބަބުތަކަށް ހައްލު ހޯދަންވީ،" އަޒާން ވިދާޅުވި އެވެ.
މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގޭންގު ކުށްތައް މަނާ ކުރުމުގެ ބިލުގައި ގޭންގުތައް ކަނޑައަޅާނެ ގޮތާއި އެފަދަ ގޭންގުތަކުގައި ބައިވެރިވާ މީހުންނަށް ދެވޭނެ ހަރުކަށި އަދަބުތައް ހިމަނާފައިވެ އެވެ. އޭގެތެރޭގައި ގޭންގުތަކުގައި ބައިވެރިވާ މީހުންގެ މުދާ ދައުލަތަށް ނެގޭނެ ގޮތްތަކާއި އެފަދަ މީހުންނަށް ދޭނެ ސީދާ އަދަބުތައް ބިލުގައި ހިމަނާފައިވެ އެވެ.
Comment