Advertisement

ދެމައިންގެ މަރަށް އިންސާފު ހޯދައި ދިނުމަށް އެދި ވިލިނގިލީގައި އިހުތިޖާޖު ކުރަނީ

8 ފެބުރުވަރީ 2025 - 17:37 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގއ. ވިލިނގިލީގައި ކުރިއަށްދާ އިހުތިޖާޖުގެ ތެރެއިން: އިހުތިޖާޖު ކުރަމުން އަންނަނީ އެ ރަށުގައި ދެމެއިން މަރުވި މައްސަލައަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި -- ފޮޓޯ؛ އަދަދު


ދެމައިންގެ މަރަށް އިންސާފު ހޯދައި ދިނުމަށް އެދި ވިލިނގިލީގައި އިހުތިޖާޖު ކުރަނީ

8 ފެބުރުވަރީ 2025 - 17:37 0

ގއ. ވިލިނގިލީގައި މާބަނޑު އަންހެނެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ސިޒޭރިއަން ހެދިފަހުން، އިތުރަށް ހާލަތު ގޯސްވެ، އެމަޖެންސީގައި މާލެ ނުގެނެވިގެން އުޅެނިކޮށް ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ދެ މައިން ވެސް މަރުވި މައްސަލައިގައި އިންސާފު ހޯދައި ދިނުމަށް އެދި އެ ރަށުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލް ކައިރިން ފެށި އެ އިހުތިޖާޖުގެ ބައިވެރިން ދަނީ ޝުއޫރުތައް ލިޔެފައިވާ ބެނާތަކާއި ޕޯސްޓަރުތަކާ އެކު މަގުތަކުގައި ހިނގާލަމުންނެވެ. ކަޅު ހެދުމުގައި ތިބި އިހުތިޖާޖުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލަމުން ދަނީ އިހުމާލުން ނިޔާވި ދެމައިންގެ މަރުގެ ތަހުގީގު ވީހާ ވެސް އަވަސްކޮށް، އިންސާފު ހޯދައި ދިނުމަށެވެ.

މީގެއިތުރުން އެ ރަށުގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރަނގަޅު ޑޮކްޓަރުން ގެނެސް، ގއ. އަތޮޅުގެ އާ ހޮސްޕިޓަލުގެ މަޝްރޫއު އަވަސް ކުރުމުގެ އިތުރުން ހޮސްޕިޓަލުގައި އެންއައިސީޔޫއެއް ގާއިމު ކުރަން ވެސް އިހުތިޖާޖުގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.

ބަނޑަށް އަށް މަހުގެ ޝިއުނާ ވަހީދު، 35، ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައީ އަންގާރަ ދުވަހު ރޭގެ ވަގުތެއްގައި ނޭވާލާން އުނދަގޫވެގެންނެވެ. އޭނާގެ ހާލު ރަނގަޅުނުވެގެން ސިޒޭރިއަން ހަދައި އަށް މަހުގައި ދަރިފުޅު ނެގީ ބުދަ ދުވަހު ހަވީރެވެ.

ދަރިފުޅު ނެގި ފަހުން ވެސް ހާލު ރަނގަޅުނުވެގެން، މާލެ ގެންދަން މަސައްކަތް ކުރަމުން ދަނިކޮށް ޝިއުނާ ނިޔާވީ ރޭ ދަންވަރު ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަތީގަ އެވެ. ދަރިފުޅު ނިޔާވީ މާލެ ގެންދަން އެރުވި މަތިންދާބޯޓުގައި ކަމަށް އާއިލާއިން ބުނެ އެވެ.

މިއީ ޝިއުނާއަށް ލިބުނު ތިން ވަނަ ކުއްޖާ އެވެ. މިހާރު ވެސް އޭނާގެ 13 އަހަރާއި އަށް އަހަރުގެ ދެ އަންހެން ކުދިން ތިބެ އެވެ. މިފަހަރު ލިބުނީ ފިރިހެން ކުއްޖެކެވެ. ބުރާސްފަތި މެންދުރު ނަމާދަށްފަހު ދެމައިން ވަޅުވީ އެއް ވަޅެއްގަ އެވެ.

ޝިއުނާގެ ދެމައިން ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީއިން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވިލިނގިލީ ހޮސްޕިޓަލުން ބުނެ އެވެ. އެކަމަކު، ޝިއުނާގެ ދެމައިން މަރުވި މައްސަލައިގައި އެއްޗެކޭ ބުނަން ހޮސްޕިޓަލުން ވަނީ ދެކޮޅު ހަދައިފަ އެވެ.