Advertisement

އެމްޑީޕީގެ މެންބަރުން ތަޅުމުން ނެރުނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް: ނާޒިލް

6 ފެބުރުވަރީ 2025 - 20:23 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީގެ މަޖިލިސް މެންބަރުން ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތަކާ އެކު


އެމްޑީޕީގެ މެންބަރުން ތަޅުމުން ނެރުނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް: ނާޒިލް

6 ފެބުރުވަރީ 2025 - 20:23 1

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުން ނެރުނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި ހުރެ "އަދަދު" އަށް ނާޒިލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަން ފެށުމާ އެކު އެމްޑީޕީގެ މެންބަރުން ތަޅުމުގައި ޝުއޫރު ފާޅުކުރީ ވަރަށް މަޑުމައިތިރި ކަމާ އެކުގައި ކަމަށެވެ.

އެކަމަކު މަޖިލީހުގެ ގަވާއިދާ ހިލާފަށް ރިޔާސަތުގައި މަޖިލިސް ރައީސް ނެތި، މެންބަރުން ތަޅުމުން ނެރުނީ ސީދާ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ނާޒިލް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް ބުނިން މަޖިލިސް ރައީސް ރިޔާސަތަށް ވަޑައިގެންނެވީމަ ރީއްޗަށް މަޖިލީހުން ބޭރަށް ދާނެ ވާހަކަ. އެހެންނަމަވެސް އަޅުގަނޑުމެންނާ ދޭތެރޭގައި ކަންތައް ކުރެވިގެންދިޔައީ މަޖިލީހުގެ ގަވާއިދާ ހިލާފަށް،" ނާޒިލް ވިދާޅުވި އެވެ.

ނާޒިލް އިތުރަށް ވިދާޅުވީ މީގެ ކުރިން މަޖިލީހުގައި ރިޔާސަތަކުގައި ބޭފުޅަކު ނެތި، މެންބަރުންގެ ގަޔަށް ބޮލަށް އަރައި މެންބަރުން ބޭރުކޮށްފައި ނުވާ ކަމަށެވެ.

ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވެވި ވަގުތު މަޖިލީހުގެ ތިއްބެވި އެމްޑީޕީގެ 12 މެންބަރުން ޝުއޫރު ފާޅު ކުރެއްވުމުން، އޭގެ ތެރެއިން ގިނަ މެންބަރުންގެ ނަން އިއްވައި މަޖިލިސްގެ ޖަލްސާ މެދުކަނޑާލި އެވެ. އެއަށްފަހު މަޖިލިސްގެ ޖަލްސާ އަލުން ފެށީ އެމްޑީޕީގެ މެންބަރުން ތަޅުމުން ބޭރު ކުރުމަށްފަހު އެވެ.