ލޯން ޑީލެއްގައި ޗެލްސީ ދޫކޮށް ޖޮއާއޯ ފެލިކްސް މިލާން އަށް

5 ފެބުރުވަރީ 2025 - 00:37 0


ލޯން ޑީލެއްގައި ޗެލްސީ ދޫކޮށް ޖޮއާއޯ ފެލިކްސް މިލާން އަށް

5 ފެބުރުވަރީ 2025 - 00:37 0

މިލާން (ފެބްރުއަރީ 5) - ޗެލްސީ އަށް ކުޅެމުން އައި ޕޯޗުގީސް ވިންގް، ޖޮއާއޯ ފެލިކްސް ލޯން ޑީލެއްގެ ދަށުން އިޓަލީގެ ގަދަބާރު، އޭސީ މިލާނަށް ބަދަލުވެއްޖެ އެވެ.

ފެލިކްސް، 25، ގެ ލޯން ފީއެއްގެ ގޮތުގައި މި ހަ މަސް ދުވަހަށް މިލާނުން ހަ މިލިއަން ޑޮލަރު ދައްކާނެ އެވެ. މި އެއްބަސްވުމުގައި، ފެލިކްސްގެ ކޮންޓްރެކްޓް ދާއިމީ ކުރެވޭނެ ގޮތެއް މިލާނުން ހިމަނާފައިނުވެ އެވެ. އެހެންކަމުން، މިލާނުން ފެލިކްސް ދާއިމީކޮށް އެ ޓީމަށް ގެންދާނަމަ ޖެހޭނީ ވަކި ޑީލަކަށް މަޝްވަރާ ކުރާށެވެ.

މީގެ ކުރިން، ލޯނަަކަށް ޗެލްސީ އަށް ކުޅުނު ފެލިކްސް، ދާއިމީ ކޮންޓްރެކްޓެއްގައި މި ސީޒަން ފެށުމުގެ ކުރިން ޗެލްސީ އަށް ސޮއިކުރީ ހަތް އަހަރުގެ އެއްބަސްވުމެއްގަ އެވެ. ފެލިކްސްގެ ސޮއި ހޯދަން ޗެލްސީން ވަނީ އެތުލެޓިކޯ މެޑްރިޑަށް 43 މިލިއަން ޑޮލަރު ދައްކަން އެއްބަސްވެފަ އެވެ. އެ ޑީލް ހިނގީ ޗެލްސީ އަށް ކުޅެމުން އައި އިނގިރޭސި މިޑްފީލްޑަރު، ކޮނާ ގެލަގާ އެތުލެޓިކޯ އަށް ވިއްކާލުމުގެ ތެރެއިންނެވެ.

ޕްރިމިއާ ލީގުގައި މި ސީޒަނުގައި އެންމެ ތިން މެޗުގައި ޗެލްސީ އަށް ކުޅުނު ފެލިކްސް ބޮޑަށް ބޭނުންކުރީ ކަޕް މުބާރާތްތަކުގައި ޖުމްލަ އެކު، މި ސީޒަނުގައި މިހާތަނަށް ފެލިކްސް ވަނީ ހަތް ގޯލު ޖަހައިފަ އެވެ.

ކުރިން ލޯން ޑީލެއްގައި ބާސެލޯނާ އަށް ވެސް ކުޅުނު ފެލިކްސް އަކީ ޔޫރަޕްގެ އެންމެ އަގުބޮޑު ޒުވާން ކުޅުންތެރިޔާގެ ގޮތުގައި، އެތުލެޓިކޯ އިން ބެންފީކާ އަށް 134 މިލިއަން ޑޮލަރު ދޭ ގޮތަށް 2019 ވަނަ އަހަރު ގަތް ކުޅުންތެރިއެކެވެ. އެކަމަކު، އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ ޕްލޭނުގެ ތެރެއިން ފެލިކްސް އަށް ކުރިއަށްދެވޭނެ މަގެއް ފެންނަ ގޮތެއް ނުވެ، އެ ޓީމު ދޫކޮށްލަން ޖެހުނީ އެވެ.