Advertisement

އިންޓަ އިން ފައިދާނަގައި ލީގުގެ އެއް ވަަނަ އަށް

about 2 hours 0

އިންޓަ އިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް


އިންޓަ އިން ފައިދާނަގައި ލީގުގެ އެއް ވަަނަ އަށް

about 2 hours 0

މިލާން (ޑިސެމްބަރު 15) - އިޓާލިއަން ލީގުގައި ރޭ ވާދަވެރި ޓީމުތަކަށް ނަތީޖާ ނުނެރެވުމުގެ ފައިދާނަގައި، ޖެނޯއާ އަތުން 2-1 އިން މޮޅުވި، އިންޓަ މިލާނުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އިންޓަ އިން އެއް ވަނައިގައި އޮތީ 15 މެޗުން 33 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މިލާން ރޭ ސަސުއޯލޯއާ އެއްވަރުވިއިރު، އެ ޓީމަށް 15 މެޗުން ވަނީ 32 ޕޮއިންޓް ލިބިފަ އެވެ. އަދި، ތިން ވަނައިގައި އޮތް ނަޕޯލީން ރޭ ކުޅުނު މެޗުގައި، އުދިނޭޒީ އަތުން 1-0 އިން ބަލިވިއިރު، ނަޕޯލީގެ އޮތީ 15 މެޗުން 31 ޕޮއިންޓެވެ.

ރަށުންބޭރުގައި ކުުޅުނު އިންޓަ އިން ރޭގެ މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ލީޑުނެގި އެވެ. މި ލަނޑު ޖެހީ، ލައުޓާރޯ މާޓީނޭޒް ދިން ބޯޅައަކުން ޔަން ބިސެކް އެވެ. އަދި، ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޓީނޭޒް ވަނީ ލަނޑެއް ޖަހައި، އިންޓަ އަށް މެޗުގެ ކޮންޓްރޯލް ނަގައިދީފަ އެވެ. ޖެނޯއާގެ ވިޓީނިއާ ދެ ވަނަ ހާފުގައި ލަނޑެއް ޖެހި ނަމަވެސް، އެ ޓީމަށް އިންޓަ ކައިރިން ނަތީޖާއެއް ހޯދޭ ގޮތެއްނުވި އެވެ.

އުދިނޭޒީން ނަޕޯލީ ކޮޅަށް ފުރަތަމަ ޖެހި ދެ ގޯލު ވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ ބަލައިނުގަންނާށެވެ. އެކަމަކު، މެޗުގެ 73 ވަނަ މިނިޓްގައި އުދިނޭޒީގެ ޖާގަން އެކަލެމްކަމްޕް ވަނީ ލަނޑު ޖަަހައި، އުދިނޭޒީ މި މެޗުން މޮޅުކޮށްދީފަ އެވެ.

އިސްމާއިލް ކޯނޭގެ ގޯލުން ސަސުއޯލޯ އިން ލީޑުނެގި މެޗުގައި، މިލާނުގެ 19 އަހަރުގެ ފުލްބެކް، ޑާވިޑޭ ބާޓެސާޖީ ވަނީ ދެ ގޯލު ޖަހައި، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. އެކަމަކު، މެޗުގެ 77 ވަނަ މިނިޓްގައި، ސަސުއޯލޯ އިން ވަނީ އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި އަރްމާންޑް ލޯރިއެންޓޭ އެވެ.