Advertisement

ވަކި ކުރި ކަމަށް ބުނާ ސިޔާސީ މުވައްޒަފުން ހާމަނުކުރަން ސަރުކާރުން ހައި ކޯޓަށް

2 ފެބުރުވަރީ 2025 - 18:55 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ވަކިކުރި 228 ސިޔާސީ މުވައްޒަފުން ހާމަނުކުރަން އޭޖީ އޮފީހުން ވަނީ ހައި ކޯޓަށް ގޮސްފައި -- ފޮޓޯ: އޭޖީ އޮފީސް


ވަކި ކުރި ކަމަށް ބުނާ ސިޔާސީ މުވައްޒަފުން ހާމަނުކުރަން ސަރުކާރުން ހައި ކޯޓަށް

2 ފެބުރުވަރީ 2025 - 18:55 1

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޔަނުކުރި ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދު ނޭނގި އޮއްވައި ހަރަދު ކުޑަކުރުމުގެ ގޮތުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 228 މީހުންގެ މައުލޫމާތު ހާމަ ކުރަން އިންފޮމޭޝަން ކޮމިޝަން (އައިކޮމް) އިން އެންގި އެންގުން ހައި ކޯޓުގައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިދިޔަ ހަފްތާގައި އިސްތިއުނާފު ކޮށްފި އެވެ.

އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަކުރަން ކަމަށް ބުނެ 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކި ކުރަން ރައީސް އެންގެވީ އޮކްޓޯބަރު 15, 2024, ގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.

ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އައިކޮމްގައި އެދުމުން، ވަކިވަކިން އެ ތިން މައްސަލަ ބަލައި އެ މައުލޫމާތު ރައީސް އޮފީހުން ފަސް ދުވަހުގެ ތެރޭގައި ހާމަ ކުރުމަށް އައިކޮމްއިން ނިންމީ ޑިސެމްބަރު 25، 2024، ގަ އެވެ.

އެ ތިން މައްސަލައިގައި ވެސް އައިކޮމްއިން ނިންމީ ސިޔާސީ މުވައްޒަފުންގެ ނަމާއި، މަގާމާއި، ވަޒީފާ އަދާކުރަމުން އައި ތަނާއި ވަޒީފާއިން ވަކިކުރި ތާރީހަކީ ޒާތީ މައުލޫމާތު ކަމަށް ރައީސް އޮފީހުން ފާހަގަކުރި ނަމަވެސް، އެ މައުލޫމާތު ދިނުމުން މުޅި ރައްޔިތުންގެ މަސްލަހަތު މާ ރަނގަޅަށް ހާސިލުވާނެ ކަމަށެވެ.

މިގޮތުން އެ މައުލޫމާތު ހާމަ ނުކުރުމުން ރައްކާތެރި ކުރެވޭ މަސްލަހަތަށްވުރެ އެ މައުލޫމާތު ހާމަކުރުމުން ރައްކާތެރި ކުރެވޭ މަސްލަހަތު ބޮޑު ކަމަށް ވެސް އައިކޮމްއިން ފާހަގަކުރި އެވެ.

ހައި ކޯޓަށް އޭޖީން ހުށަހެޅި މައްސަލަ މިހާތަނަށް ރަޖިސްޓްރީ ކުރި ކަމެއް އެނގިފައެއް ނުވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ 228 މުވައްޒަފުން ސަރުކާރުން މަދު ކުރުމުން 5.7 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ވެސް ސަލާމަތް ކުރެވޭނެ ކަމަށެވެ.

އެކަމަކު މިނިސްޓްރީތަކުގެ އެކި މަސްދަރުތަކުން "އަދަދު" އަށް މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ހަރަދު ކުޑަކުރުމުގެ ގޮތުން އެއްވެސް މުވައްޒަފު ވަކި ކޮށްފައެއް ނުވެ އެވެ.

ނޮވެމްބަރު 17, 2023، ގައި ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓްރީތަކަށް ނުތަކާ ވަރަށް މުވައްޒަފުން ވަނީ އައްޔަނުކޮށްފަ އެވެ. މިއަދާ ހަމައަށް އައިއިރު ވެސް މި ސަރުކާރުގައި ތިބި ޖުމުލަ ސިޔާސީ މުވައްޒަފުންގެ އަދަދެއް ނޭނގެ އެވެ.

މި ސަރުކާރު ވެރިކަމަށް އައީ 700 އަށްވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ނުކުރާނެ ކަމުގެ ވައުދާއެކު އެވެ. ނަމަވެސް, އެ އަދަދު 2,000 އަށްވުރެ އިތުރުވާނެ ކަމަށް އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން ވަނީ އެނގިފަ އެވެ.