2 ފެބުރުވަރީ 2025 - 08:22 0
އަހުމަދު އާއިދު
އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު
2 ފެބުރުވަރީ 2025 - 08:22 0
ސަރުކާރުގެ ވުޒާރާތަކެއް އެއްކޮށްލުމުން ވެސް ޖުމްލަ ސިޔާސީ މުވައްޒަފުންގެ އަދަދަށް ބަދަލެއް ނާންނަކަން މި ނޫހަށް އެނގިއްޖެ އެވެ.
މި ފަހުން ހަތަރު މިނިސްޓްރީއެއް އެއްކޮށްލައި، ދެ މިނިސްޓްރީއަކަށް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ހައުސިން އަދި ޕްލޭނިން މިނިސްޓްރީ އާއި ކޮންސްޓަރަކްޝަން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީ އެއްކޮށްލީ ޑިސެމްބަރު 26، 2024، ގަ އެވެ. ޓޫރިޒަމް އާއި އެންވަރަމެންޓް މިނިސްޓްރީ އެއްކޮށްލީ އިއްޔެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ނިންމެވުންތަކާއެކު އެމަނިކުފާނުގެ ސަރުކާރުގައި ހިމެނޭ ވުޒާރާތަކުގެ އަދަދު ވަނީ 22 އިން 20 އަށް ދަށްވެފަ އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިން ހުރި މިނިސްޓްރީތަކުގައި ތިބި ސިޔާސީ މުވައްޒަފުން މިހާރު ވަނީ އެއްކޮށްލައި އަލަށް އުފެއްދި މިނިސްޓްރީތަކަށް ބަދަލުކޮށްފަ އެވެ. އެހެންކަމުން މިނިސްޓްރީތައް އެއްކޮށްލުމުން މުސާރައިގެ ހަރަދުން ކެނޑޭނީ ހަމައެކަނި ވަޒީރެއްގެ މުސާރަ އާއި އިނާޔަތްތަކެވެ.
މި އަދަދުތަކަށް ބަލާއިރު އަލަށް އެކުލަވާލި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީގައި ޖުމްލަ 85 ސިޔާސީ މުވައްޒަފުން ތިބޭނެ އެވެ. ޓޫރިޒަމާއި އެންވަރަމެންޓު އެއްކޮށްލާ އުފެއްދި ވުޒާރާގައި 90 ސިޔާސީ މުވައްޒަފުން ތިބޭނެ އެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައެއް ނުވެ އެވެ. ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އަށް ގުޅުމުން އަދި މެސެޖުކުރުމުން ވެސް މިހާތަނަށް މިކަމާ ގުޅިގެން ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދާއި އެ މީހުންނާ ގުޅޭ ކަންކަން މި ސަރުކާރުން ގެންގުޅެނީ ބޮޑު ސިއްރެއްގެ ގޮތުގަ އެވެ. ސަރުކާރަށް 15 މަސްދުވަސް ވެފައިވާއިރު ޖުމްލަ ސިޔާސީ މުވައްޒަފުންގެ އަދަދު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ހަރަދުކުޑަކުރުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ވަކިކުރި ކަމަށް އިއުލާނުކުރި 248 ސިޔާސީ މުވައްޒަފުންގެ ނަމާއި މަގާމު ހިމެނޭހެން ހުރިހާ ތަފުސީލެއް ވެސް ވަނީ ސިއްރުކޮށްފަ އެވެ. ނަމަވެސް ރައީސް އޮފީހުން ތަކުރާރުކޮށް ބުނަނީ އެ މައުލޫމާތުތައް ދޭނެ ކަމަށެވެ.
50.00%
0.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment