1 ފެބުރުވަރީ 2025 - 16:26 2
ލީވާން އަލީ ނާސިރު
އާޓްވޯކް: އިސްމާއިލް އިމްދާދު
1 ފެބުރުވަރީ 2025 - 16:26 2
ބޮޑެތި ކުށްތައް ކުރި ކަމަށް ތުހުމަތު ކުރެވިގެން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި 435 މީހުންނާ އެކު ޖަލުތައް ފުރި ބާރުވެއްޖެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން އާންމުކުރި ތަފާސްހިބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ 20، ގެ ނިޔަލަށް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި 435 މީހުންގެ ތެރެއިން 364 މީހުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބިއިރު، ރިމާންޑް ޖަލަށް ބަދަލު ނުކުރެވި ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު 71 މީހުން އެބަތިއްބެވެ.
ޕީޖީ އޮފީހުން އިންތިޒާމުކޮށްގެން ބޭއްވި "ބަންދު ފޯރަމް" ގައި ޕީޖީ އައްބާސް ޝަރީފް ވިދާޅުވީ ޖަލުތަކުގެ ކެޕޭސިޓީ ބޮޑުތަނުން އިތުރުވެ، ޖަލުތައް ފުރިފައިވާ ކަމަށާއި ބަންދު ކުރުން ނޫން ގޮތެއް ހޯދަން ޖެހިފައިވާ ކަމަށެވެ.
މިގޮތުން މުއައްސަސާތައް ގުޅިގެން ދިމާވެފައި އޮތް މައްސަލައަށް ހައްލު ގެންނަން ޖެހޭ ކަމަށާއި މާފުށީގައި ވެސް ކެޕޭސިޓީއަށްވުރެ އިތުރަށް 10 ޕަސަންޓް މީހުން ބަންދުކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން އަދުލުގެ ނިޒާމަށް ފާޑު ކިޔައި އިތުބާރު ކުޑަވަމުންދަނީ ޒަމާނުއްސުރެ އޮތް ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ މައްސަލައަށް ހައްލު ނުލިބޭތީކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވީ އެގޮތަށް ބަންދުކޮށްގެން ހޭދަވާ މުއްދަތު ކުޑަ ނުވާ ކަމަށެވެ.
ޝަރީއަތް ނިމެންދެން އެންމެ ގިނައިން ބަންދު ކޮށްފައި ތިބީ މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ޖިންސީގޯނާ ކުރުމުގެ މައްސަލަތަކުގަ އެވެ.
ޝަރީއަތް ނިމެންދެން ކަރެކްޝަނުގައި ބަންދުކޮށްފައި ތިބި 364 މީހުންގެ ތެރެއިން 208 މީހުންނަކީ ޒުވާނުން ކަމަށްވާއިރު، 35 އަހަރަށްވުރެ މަތީގެ 156 މީހުން އެބަތިއްބެވެ.
ޝަރީއަތް ނިމެންދެން ކަރެކްޝަންސްގެ ބަންދުގައި ތިބި މީހުންގެ ތެރެއިން 354 މީހުންނަކީ ފިރިހެނުން ކަމަށްވާއިރު، 10 މީހުންނަކީ އަންހެނުންނެވެ.
ފޯރަމްގައި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވެސް ވަނީ ޖަލުތައް ފުރިބާރުވެފައިވާކަން ފާހަގަކުރައްވައި ޖާގައިގެ މައްސަލަތައް ވެސް ދިމާވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
ކަރެކްޝަންސްގައި ވަސީލަތް މަދުކަމާއި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ހައްގުތައް ކަށަވަރު ކުރަން ވެސް ގޮންޖެހުންތަކެއް ދިމާވަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ހުރިހާ ޖަލެއްގެ ކެޕޭސިޓީއަކީ 1500 އެއްހާ ޖާގަ ކަމަށްވާއިރު، ޖަލުތަކުގައި ތިބޭ މީީހުންނަށް މަހެއްގެ މައްޗަށް 27،000ރ. ހަރަދުވެ އެވެ.
Comment