1 ފެބުރުވަރީ 2025 - 13:44 4
މުހައްމަދު ޝަހްޒާން
އެންވަރަމެންޓް މިނިސްޓްރީއާ ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރުކަމުގެ ލިޔުން ތާރިގުއަށް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
1 ފެބުރުވަރީ 2025 - 13:44 4
ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމުގެ ބަދަލުގައި އެ މިނިސްޓްރީ އެންވަރަމެންޓް މިނިސްޓްރީއާ އެއްކޮށްލައިފި އެވެ.
ޓޫރިޒަމް އެންޑް އެންވަރަމެންޓްގެ މިނިސްޓަރުކަމަށް އައްޔަނު ކުރެއްވީ އެންވަރަމެންޓް މިނިސްޓްރީގެ މަގާމުގައި ހުންނެވި ތާރިގު އިބްރާހިމް އެވެ. އޭނާއަށް މަގާމުގެ ފަތްކޮޅު އެރުވީ މިއަދު ރައީސް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް ފައިސަލް މިދިޔަ އަންގާރަ ދުވަހު އެ މަގާމުން ވަކި ކުރުމުންނެވެ. ވަކި ސަބަބެއް ބަޔާން ކުރުމެއް ނެތި މަގާމުން ވަކި ކުރިކަމުގެ ލިޔުން ފައިސަލްއަށް ފޮނުވީ އެ ދުވަހު އޭނާ އޮފީހަށް ވެސް ހާޒިރުވި ފަހުންނެވެ.
އޭގެ ފަހުން، މިއަދާ ހަމައަށް ވެސް ފައިސަލް މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ޓޫރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކި ކުރުމަށްފަހު އެ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހަވާލު ކޮށްފައި އޮތީ އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދުއާ އެވެ.
ޓޫރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކުރިީ އޭނާގެ ބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް މުއިއްޒުއާ މައްސަލަތަކެއް ޖެހިފައި އޮއްވަ އެވެ. ރައީސް މުއިއްޒުގެ ކެބިނެޓުގެ ބައެއް އެހެން ވަޒީރުންނާއި ފައިސަލްއާ ވެސް އޮތީ މައްސަލަތަކެއް ޖެހިފަ އެވެ.
Comment