ހަންކެޑެ ބްރިޖު -- ފޮޓޯ: އިންފްރާސްޓަރަކްޗާ މިނިސްޓްރީ
އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހަންކެޑެ ވަކިކޮށް އެ ރަށް ރިސޯޓަކަށް ހަދަން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ތަރައްގީ ކުރި ހަންކެޑެ ބުރިޖު ރޭ ދަންވަރު 12:00 އިން ފެށިގެން އާންމު ދަތުރު ފަތުރަށް ހުޅުވާލައިފި އެވެ.
ގާތްގަނޑަކަށް 1.4 ކިލޯމީޓަރު ދިގު، ހަތަރު ލޭނުގެ މި ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުން ލިބިފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގި މަޝްރޫއެކެވެ. އެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު، 2021، ގަ އެވެ.
އެ ބްރިޖުގެ މަސައްކަތް ނިންމައި މިދިޔަ ޖުލައި މަހު އާންމުކޮށް ހުޅުވައިލާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރީން ބުނެފައިވެ އެވެ. ނަމަވެސް އެ ތާރީހަށް އެކަން ނުކުރެވޭނެ ކަމަށް ބަލައި ބުރިޖު ބޭނުން ކުރަން ދެން ފަށާނެ ތާރީހެއްގެ ގޮތުގައި ކަނޑައެޅީ މިދިޔަ ސެޕްޓެމްބަރު 23 އެވެ.
ހަންކެޑެ އާއި ބްރިޖު -- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ
އެހެންނަމަވެސް ހަންކެޑެ ބުރިޖުގެ ނުނިމޭ އެތައް މަސައްކަތެއް ހުރުމުގެ ސަބަބުން އެ ތާރީހަށް ވެސް އެ ބުރިޖު ނުހުޅުވި ލަސްވީ އެވެ.
ހަންކެޑެ ބުރިޖަކީ ކުރިން ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރުން އައްޑޫގެ ޓޫރިޒަމް ކުރިއަރުވަން ގެންގުޅުނު ތަސައްވުރުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ. މި ސަރުކާރުން ވެސް ވަނީ މިހާރު ގެންގުޅޭ "އައްސޭރި ޓޫރިޒަމް" ސިޔާސަތުގެ ދަށުން މި ޕްރޮޖެކްޓު ކުރިއަށް ގެންދަން ނިންމާފަ އެވެ.
ހަންކެޑެ ތަރަައްގީކުރަނީ ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އިންނެވެ. ގާތްގަނޑަކަށް 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ މި މަޝްރޫއުގެ ދަށުން ހެންކެޑެގައި 1041 ކޮޓަރި (2082 އެނދު) ތަރައްގީކުރާނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment