ރޯދައިގެ ޕީކަށް ސްޓެލްކޯއިން ގެނައި ޖެންސެޓުތައް މަގުމަތީ ބަހައްޓައިގެން ކަރަންޓު ދޭން އެޗްޑިސީން އަންގައިފި

30 ޖަނަވަރީ 2025 - 10:54 0

ލީވާން އަލީ ނާސިރު

ލ

ސްޓެލްކޯއިން މީގެ ކުރިން ގެނައި ޖެން ސެޓްތަކެއް: ރޯދައަށް ސްޓެލްކޯއިން ގެނައި އެ ޖެން ސެޓްތައް މަގުމަތީ ބަހައްޓައިގެން ކަރަންޓް ދޭން އެޗްޑިސީން ވަނީ އަންގާފައި -- ފޮޓޯ: ސްޓެލްކޯ


ރޯދައިގެ ޕީކަށް ސްޓެލްކޯއިން ގެނައި ޖެންސެޓުތައް މަގުމަތީ ބަހައްޓައިގެން ކަރަންޓު ދޭން އެޗްޑިސީން އަންގައިފި

30 ޖަނަވަރީ 2025 - 10:54 0

އަންނަ ރޯދަ މަހު މާލެ ސިޓީގެ ކަރަންޓު ލޯޑު ހިފަހައްޓަން ސްޓެލްކޯއިން ގެނައި ޖެންސެޓުތައް މަގުމަތީ ބަހައްޓައިގެން ކަރަންޓުގެ ހިދުމަތް ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ)ން އަންގައިފި އެވެ.

ކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން "އަދަދު" އަށް ބުނީ ޖެންސެޓުތައް ބަހައްޓަން އެޗްޑީސީން ބިމެއް ހަމަޖައްސައިދޭން އެންގުމުން އެކަން މިހާތަނަށް ވެސް ހަމަޖައްސައި ނުދީ، އެ ކުންފުނިން އެދުނީ މަގުމަތީގައި ޖެންސެޓުތައް ބަހައްޓައިގެން ކަރަންޓުގެ ހިދުމަތް ދިނުމަށް ކަމަށެވެ.

"ރޯދައަށް ގެނައި ޖެންސެޓުތަކެއް އެއީ. ރޯދައިގެ ކުރިން ކޮމިޝަން ކުރަން ޖެހެ. ވަގުތީ ގޮތުން ބިމެއް ހަމަޖައްސައިދޭން އެދުމުން ބުނީ މަގުމަތީ ބަހައްޓައިގެން ކަރަންޓު ދޭން" އޭނާ ބުންޏެވެ.

ސްޓެލްކޯއިން އެޗްޑީސީގައި އެދުނީ ތިލަފުށީގައި ކުރިއަށްދާ މަޝްރޫއު ނިމެންދެން ވަގުތީ ގޮތުން އެ ކުންފުންޏަށް ޖެންސެޓްތައް ބަހައްޓަން ބިމެއް ހަމަޖެއްސުމަށެވެ. މިގޮތުން ސްޓެލްކޯއިން އެދުނީ އަށް އަހަރު ދުވަހަށް ބިމެއް ހަމަޖައްސައި ދިނުމަށެވެ.

މި ނޫހާ ވާހަކަ ދެއްކި މީހާ އިތުރަށް ބުނީ ރޯދަ މަހުގެ ކުރިން އެ ޖެންސެޓްތައް ކޮމިޝަން ނުކުރެވޭނަމަ، ރޯދަ މަހު ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑަން ޖެހިދާނެ ކަމަށެވެ. އެއީ އެވަރަށް ލޯޑު ހިފަހައްޓާނެ ކަމުގެ ޔަގީންކަން ސްޓެލްކޯގައި ނެތުމުންނެވެ.

މިކަން މި ގޮތަށް ކުރަން އެންގުމުން ސްޓެލްކޯއިން އަންނަނީ އެޗްޑީސީއާ ވާހަކަދައްކަމުންނެވެ. ނަމަވެސް މިހާތަނަށް އެކަމުގައި އަލިމަގެއް ނުފެންނަ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އަށް އަހަރުގެ ދުވަހުގެ މުއްދަތަށް ޖެންސެޓުތައް ބަހައްޓާނެ ބިމެއް ދޭން އެދުނު ސަބަބު ވެސް އެ މީހާ ސާފުކޮށްދިނެވެ. އެއީ ތިލަފުށީގައި ތަރައްގީކުރާ 150 މެގަވޮޓްގެ، ތެލާއި ނެޗުރަލް ގޭހުން ކަރަންޓު އުފައްދާ، ޑުއަލް-ފިއުލް ޕަވާ ޕްލާންޓެއް ގާއިމު ކުރެވެން ދެނެވެ. މި މަސައްކަތް ވަނީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

ސްޓެލްކޯގެ ކެޕޭސިޓީއަކީ 120 މެގަވޮޓް ކަރަންޓު ކަމަށްވާއިރު، މިދިޔަ އަހަރުގެ ރޯދަ މަހު ސްޓެލްކޯގެ ކަރަންޓު ލޯޑު ބޮޑުވެގެން ގޮސް 108 މެގަވޮޓާ ހިސާބަށް ވެސް އެރި އެވެ. މިހެންކަމުން އަންނަ ރޯދައިގައި ލޯޑު ހިފަހައްޓަން އިތުރު އުނދަގޫތަކާ ދިމާވާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެ އެވެ.

މިއީ އިންޑިއާގެ މޯހަން މުތާ ކުންފުންޏަށް 146.7 މިލިއަން ދީގެން ސްޓެލްކޯއިން ގެނައި ދެ މެގަވޮޓުގެ ޖެންސެޓުތަކެކެވެ.