Advertisement

ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް ވަގަށް މީހުން ވެއްދި ކަމަށް ބުނާ މައްސަލަ އޭސީސީގައި ރެޖިސްޓްރީކޮށްފި

30 ޖަނަވަރީ 2025 - 15:43 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޑީއެންއާރު އޮފީހުގައި ޕީއެންސީއަށް ފޯމު ފުރުން ކުރިއަށް ގެންދިޔަ ދުވަހެއްގެ ފޮޓޯތަކެއް -- ފޮޓޯ: ސޯޝަލްމީޑިއާ


ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް ވަގަށް މީހުން ވެއްދި ކަމަށް ބުނާ މައްސަލަ އޭސީސީގައި ރެޖިސްޓްރީކޮށްފި

30 ޖަނަވަރީ 2025 - 15:43 0

ދިވެހި ރައްޔިތުންގެ ޒާތީ ހުރިހާ މައުލޫމާތެއް ބަލަހައްޓަމުންދާ ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް ވަގަށް މީހުން ވެއްދި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ރެޖިސްޓްރީ ކޮށްފި އެވެ.

އެ މައްސަލަ އޭސީސީއަށް ހުށަހެޅީ އިދިކޮޅު މައި ޕާޓީ އެމްޑީޕީންނެވެ. ވަގު ފޯމު މައްސަލަ އޭސީސީގައި ރެޖިސްޓްރީ ކޮށްފައި ވަނީ މި ހިނގާ ޖެނުއަރީ 16، ގަ އެވެ.

އޭސީސީން މައްސަލަ ރެޖިސްޓްރީކުރި ކަމުގެ ލިޔުމުގައި މައްސަލައިގެ ހުލާސާގެ ގޮތުގައި ލިޔެފައި ވަނީ، އެ ކޮމިޝަނުން ބަލަމުން ދަނީ ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް ވަގަށް މީހުން ވެއްދުމުގެ މަސައްކަތުގައި ޑީއެންއާރުގެ އޮފީހާއި އެ އޮފީހުގެ ވަސީލަތްތަކާއި ދައުލަތުގެ މުވައްޒަފުން ބޭނުން ކޮށްފައި ވަނީ ހޯމް މިނިސްޓަރު، އަލީ އިހުސާންގެ ބައިވެރިވުމާއި ބެލުމުގެ ދަށުން ކަމަށް ބުނާ މައްސަލަ ކަމަށެވެ.

ވަގު ފޯމު މައްސަލަ އޭސީސީގައި ރެޖިސްޓްރީ ކުރިއިރު، އެ މަސައްކަތް ކުރީ ޑީއެންއާރުގެ އޮފީހުގައި ކަމަށް މި ހިނގާ ޖެނުއަރީ 21، ގައި ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އެ އިއުތިރާފާ ގުޅިގެން ނޫސްވެރިން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން ނުކުޅެދުމުން، އެ ބޭފުޅުން ވަނީ މީޑިއާތަކަށް ފިލައިފަ އެވެ.

ޑީއެންއާރުގެ މީޓިން ރޫމް ތެރޭގައި ޕީއެންސީގެ ފޯމުތައް ފުރި މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް މީގެ ކުރިން ލީކުވި އެވެ. އެ ފޮޓޯތަކުން ފެންނަނީ ޕީއެންސީގެ ފޯމުތަކެއް ފުރުމުގެ މަސައްކަތް އެ ވުޒާރާގެ މުވައްޒަފުން ކުރަމުންދިޔައިރު އިހުސާން އެ ކޮޓަރީގައި ހުންނަވާ ތަނެވެ.

އިހުސާނުގެ އިތުރުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ ވެސް އެތަނުގައި ހުންނެވި އެވެ.

ޑީއެންއާރު ހިމެނޭހެން ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންނާއެކު 1700 ފޯމު މިނިސްޓަރު އިހުސާން ޕީއެންސީއާ ހަވާލުކުރި އެވެ. އެ ފޯމުތަކުގެ ސައްހަކަމާ މެދު ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފަ އެވެ.