ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް އެއްބަސްވެ، ރައީސް ވިދާޅުވީ އަލުން އެކަންކަން ފަށާނެ ކަމަށް

30 ޖަނަވަރީ 2025 - 10:08 0

ލީވާން އަލީ ނާސިރު

ލ

ރައީސް ޑރ. މުހައްމަދު މުއިއްޒު: ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް އެއްބަސްވެ، ރައީސް ވިދާޅުވީ ފަށާނެ ކަމަށް -- ފޮޓޯ؛ ރައީސް އޮފީސް


ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް އެއްބަސްވެ، ރައީސް ވިދާޅުވީ އަލުން އެކަންކަން ފަށާނެ ކަމަށް

30 ޖަނަވަރީ 2025 - 10:08 0

ރަށްރަށުގައި ކުރިއަށްދިޔަ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް އެއްބަސްވެ، އެ މަޝްރޫއުތައް ވަރަށް އަވަހަށް ފަށަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު އުލިގަމަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފެށުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެ މަޝްރޫއުތައް ފަށާނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކަމަށެވެ.

"މިހާރު ސަރުކާރުން ނިންމާފައި މިއޮތީ ސަރުކާރުގެ ކޮންމެވެސް ކުންފުންޏެއް، ސަރުކާރުގެ ހިއްސާ އޮންނަ ނޫނީއްޔާމުން 100 ޕަސަންޓް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއް ރަށެއްގައި މޮބިލައިޒް ކުރެވިފައި އޮވެއްޖެއްޔާ އެ ފަރާތެއް މެެދުވެރިކޮށް ވީހާ ވެސް އަވަހަކަށް މަސައްކަތްތައް ހިނގާ ގޮތް ހަދަންވެގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ހުއްޓިފައިވާ މަޝްރޫއުތައް ބާރު ސްޕީޑުގައި އަލުން ފަށަން އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.

މިގޮތުން ނުނިމި ގިނަ ދުވަސްވެފައިވާ މަޝްރޫއުތަކާ ގުޅިގެން ކުންފުނިތަކާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ނިޒާމުގެ ތެރެއިން އަޅުގަނޑުމެން ވަރަށް ބާރު ސްޕީޑެއްގައި ރަށްރަށުގައި ހުއްޓިފައި ހުރި ހުރިހާ މަޝްރޫއުތަކެއް ރީސްޓާޓް ކުރުމުގެ މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑުގައި އިދާރީ ގޮތުން ނިންމަން ޖެހޭ ހުރިހާ ކަމެއް އެބަ ހިނގާ. އޭގެ ތެރޭގައި އެބަ ހިމެނޭ ކޮންޓްރެކްޓް އޮންނަ އުސޫލުގެ ތެރެއިން ޓާމިނޭޓް ކުރަން ޖެހޭ ފަރާތްތަކުން ޓާމިނޭޓްކޮށް މަސައްކަތް ހިނގާ ގޮތަށް ސަރުކާރު ކުންފުންޏަކާ ހަވާލުކުރުން،" އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ހުއްޓިފައި ހުރި މަޝްރޫތައް އަލުން ފަށަން މަސައްކަތް ކުރަމުންދާނީ ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހާ ވެސް ގުޅިގެން ކަމަށެވެ.

ރަށްރަށުގައި ކުރިއަށްގެންދާ ގިނަ މަޝްރޫއުތަކެއް އެންމެ ކުންފުންޏަކަށް ދީފައިވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެޑްވާންސް ޕޭމަންޓް ދީފައި އޮތް ނަމަވެސް މަސައްކަތް ކުރިއަށް ނުގޮސް އެބަހުރި ކަމަށެވެ.

މިދިޔަ އަހަރުގެ ބަޖެޓުގެ ތެރޭގައި މަޝްރޫއުތަކަށް ފައިސާ އެކަށީގެންވާ މިންވަރަށް ހިމަނާފައި ނުވާތީ އެކަމުގެ ސަބަބުން މަޝްރޫއުތައް ކުރިއަށް ގެންދަން ދަތިތައް ދިމާވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިދިޔަ އަހަރުގެ ބަޖެޓުގެ ތެރޭގައި އެކަންކަން ކުރެވޭ ގޮތަކަށް ނެތް ބަޖެޓުގައި ފައިސާ ހިމަނާފައެއް. އެހެންވެގެން އަޅުގަނޑުމެންނަށް މި ނިމުނު އަހަރުގައި އެކަންކަން ނުކުރެވި ދިޔަ ރަށްރަށް ގިނައީ. ހަމަ އެގޮތަށް ތައުލީމީ ދާއިރާއަށް ވެސް ސްކޫލްތައް ވެސް އެބަހުރި މިގޮތަށް ބަންޑްލް ކޮށްލާފައި ކުދި އަދި މެދު ސައިޒުގެ ކުންފުނިތަކަށް ދީފައި ހުރީ އެއްގޮތަކަށް ވެސް އެކަން ކުރެވޭ ގޮތަކަށް ނޫން،" ރައީސް ވިދާޅުވި އެވެ.

ރަށްރަށުގައި މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް އިދިކޮޅުގެ އިތުރުން ގިނަ ބަޔަކު ގޮވާލަމުން ދިޔަ ނަމަވެސް، މަޝްރޫއުތައް ހުއްޓިފައި ނުވާ ކަމަށް ސަރުކާރުން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.