30 ޖަނަވަރީ 2025 - 13:22 0
އަހުމަދު އާއިދު
މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ކޯލިޝަނުން ބޭއްވި ރެލީއެއްގެ ތެރެއިން: ޕީޕީއެމް އުވާލުމާއެކު ވެރިކަން ކުރާ ކޯލިޝަން އުވި، ޕީއެންސީގެ ވެރިކަމަަކަށް ވަނީ ބަދަލުވެފަ ---- ފޮޓޯ: އަދަދު
30 ޖަނަވަރީ 2025 - 13:22 0
ވެރިކަން ކުރާ ކޯލިޝަނުން އިންތިހާބު ކާމިޔާބު ކުރިއިރު އެ ކޯލިޝަނުގައި އޮތް ބޮޑު ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ރަސްމީކޮށް އުވާލައިފި އެވެ.
ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި މިނިވަން މުއައްސަސާ ކަމުގައިވާ އިލެކްޝަން ކޮމިޝަން (އީސީ) އިން ކުރި އިއުލާނެއްގައި ބުނީ ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައިވާތީ އެ ޕާޓީން ރަސްމީކޮށް އުވާލީ ކަމަށެވެ.
އަދި މިއަދުން ފެށިގެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ޕީޕީއެމް އުނިކޮށްފައިވާ ކަމަށް ވެސް އީސީ އިން ބުންޏެވެ.
ވެރިކަން ކުރާ ޕީއެންސީގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުން، ޕީޕީއެމް އުވާލަން ނިންމީ ޑިސެމްބަރު 2، 2024 ގަ އެވެ. ސެނެޓު ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕީޕީއެމްގެ ނައިބު ރައީސުން ކަމުގައިވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި ފުރަތަމަ ޕާޓީ، ޑީއާރުޕީ ދޫކޮށްލެއްވުމަށް ފަހު، އެ މަނިކުފާނު ފަހަތުގައި ހުންނަވައިގެން އޮކްޓޯބަރު 27، 2011 ގައި ރަޖިސްޓްރީ ކުރި ޕީޕީއެމް 13 އަހަރު ފަހުން އުވައިލަން ފާސްކުރުން، އެ ޕާޓީގެ ނައިބު ރައީސް އަދި މައުމޫނުގެ އެންމެ ހަގު ދަރިކަލުން ގައްސާން މައުމޫން ސިފަކުރެއްވީ އުފާވެރި ކަމެއްގެ ގޮތުގަ އެވެ.
ސެނެޓުގެ ބައްދަލުވުމުގައި ގައްސާން ވިދާޅުވީ އެ ދުވަހަކީ އުފާވެރި ދުވަހެއް ކަމަށާއި މިއީ ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ބަދަލުވާން ރަސްމީކޮށް އިލްތިމާސްކުރާ ދުވަސް ކަމަށެވެ.
ޕީޕީއެމް އުވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމާއި އެ މަސައްކަތް ފެށީ ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ބޭނުންފުޅުވެގެން ކަމަށް މި ނޫހުގައި އޯގަސްޓް 1، 2024 ގައި ޝާއިއުކޮށްފައިވާނެ އެވެ.
ޕީޕީއެމްގެ ތާއީދާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ޕީއެންސީގެ މެންބަރުންގެ އަދަދަކީ 3،159 އެކެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު އެ ޕާޓީގައި 68،968 މެންބަރުން ތިއްބެވެ.
ޕީޕީއެމް ރަސްމީކޮށް އުވާލާފައިވާއިރު، ކުރިއަށް އޮތް ފަސް އަހަރު އެ ޕާޓީތަކުގެ ކުލަޔާއި، ނަމާއި، ނިޝާނާއި، ލޯގޯ، އަދި އެހެންވެސް ޕާޓީ ރަމްޒު ކޮށްދޭ އެއްޗެއް ބޭނުމެއް ނުކުރެވޭނެ އެވެ. މިގޮތަށް ގާނޫނު ބަދަލުކުރީ ޕީޕީއެމް އުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ސަރުކާރުން ހުށަހެޅި ބިލެއް ފާސްކޮށްގެންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިހާރު މަޖިލީހުގައި ތިއްބެވި ޕީއެންސީ އަށް ނިސްބަތްވާ ގިނަ މެންބަރުންނަކީ އިންތިހާބުގެ ކުރިން ޕީޕީއެމްގެ މެންބަރުންނެވެ. އެ ބޭފުޅުން ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ބޭނުންވި ނަމަވެސް އެ ފުރުސަތެއް ޕީއެންސީން ނުދިނެވެ.
Comment