29 ޖަނަވަރީ 2025 - 14:23 0
ލީވާން އަލީ ނާސިރު
އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅުން: މި މަޝްރޫއަށް 474 މިލިއަން ރުފިޔާ ހަރަދުވާނެ -- ފޮޓޯ: ރައީސް އޮފީސް
29 ޖަނަވަރީ 2025 - 14:23 0
މަސްވެރި ރަށެއް ކަމަށްވާ ހއ. އިހަވަންދޫގައި 474 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ މިއަދު އަޅައިފި އެވެ.
ދިވެހި ސަރުކާރާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގުޅިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުބިމޮފް އަދި އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހެވެ.
މި މަޝްރޫއުގެ ދަށުން 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް، 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއެއް، އޮފީސް އިމާރާތަކާއި އިންޖީނުގެއެއް، ވެހިކަލް ވޯކްޝޮޕާއި ގުދަން، 130 މީޓަރުގެ ދިގު މަގަތު ފާލަން އަދި 3.5 މީޓަރު ފުންމިނުގެ ބަނދަރެއް މަސް ކިރޭ ގޮތަށް ތަރައްގީ ކުރާނެ އެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަޝްރޫއުގެ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ފަށައި، މަސައްކަތް ނުހުއްޓި 18 މަސް ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ނިންމާލާނެ ކަމަށެވެ
"މެއި މަހު އަމަލީ މަސައްކަތް ފެށި، ބާރު ސްޕީޑުގައި ނުހުއްޓި، މި ދެންނެވި ކަންކަން ފަހަރަކު ކަމެއް ނިމެމުން ގޮސް، ޖުމްލަ މުއްދަތު ހުރިހާ މަސައްކަތެއް ނިންމާލަން 18 ވަރަކަށް މަސް ނަގާނެ. ހުރިހާ ކަމެއް ނިމެން. އެހެންނަމަވެސް އެއަށްވުރެ ކުރިން ބައެއް ކަންކަން ނިމި ބޭނުން ކުރަން ފެށޭނެ. އަޅުގަނޑަށް ޔަގީން،" ރައީސް ވިދާޅުވި އެވެ.
މަޝްރޫއު ނިމުމުން އިހަވަންދޫގައި 150 އެއްހާ އާ ވަޒީފާ އުފެދި، މަސްވެރިކަމުގެ ސިނާއަތުގެ އިތުރުން މުޅި ރަށުގެ ތަރައްގީއަށް ވެސް ކުރިއެރުން ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ސަބަބުން ބޮޑުތިލަދުންމަތީގެ މަސްވެރިންނަށް ތެޔޮ އަދި އައިސް ހޯދުމަށް ދުރަށް ދަތުރުކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އައިސް، ހަރަދުތައް ވެސް ކުޑަވެގެންދާނެކަމަށް ބެލެވޭ ކަމަށެވެ.
މިއީ ކުރީ ސަރުކާރުގައި ވެސް ހިންގާނެ ކަމަށް ބުނެ ނުހިންގި އޮތް މަޝްރޫއެކެވެ. އޭރު މި މަސައްކަތް ނުފެށި އޮތް ސަބަބާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީން ބުނީ މި ކޮމްޕެލްކްސް އަޅާ ބިން އެ މިނިސްޓްރީއަށް އިހަވަންދޫ ކައުންސިލުން ރަޖިސްޓްރީ ނުކޮށް ދިން ކަމަށެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment