Advertisement

ޓްރަމްޕުގެ ގޮވައިލުންތަކާ އެކު ތެލުގެ އަގު ދަށްވާން ފަށައިފި

27 ޖަނަވަރީ 2025 - 10:57 0

ރަޝިޔާގެ ބަނދަރުމަތީ ރަށް، ނަކޯޑްކާ އާ ގާތްކުރަނީ. ރަޝިޔާއަށް ދަތިކުރުމުގެ ގޮތުން ތެލުގެ އަގުވަށްޓައިލަން އެމެރިކާއިން ދަނީ މަސައްކަތްކުރަމުން. ފޮޓޯ:ރޮއިޓާސް


ޓްރަމްޕުގެ ގޮވައިލުންތަކާ އެކު ތެލުގެ އަގު ދަށްވާން ފަށައިފި

27 ޖަނަވަރީ 2025 - 10:57 0

ޔުކްރެެއިން ހަނގުރާމަ ހުށްޓައިލަން ބާރު އެޅުމުގެ ގޮތުން ރަޝިޔާއަށް ދަތިކުރުުމުގެ ގޮތުން، ތެލުގެ އަގު ދަށްކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގޮވައިލައްވަމުން ގެންދަވަނިކޮށް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށްދާން ފަށައިފި އެވެ.

ތެޔޮ އުފައްދާ މިންވަރު އިތުރުކޮށްގެން ތެލުގެ އަގު ދަށްކުރަން އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) ގެ ގައުމުތަކަށް ޓްރަމްޕު ގޮވައިލެއްވުމުގެ އިތުރުން، އެމެރިކާގައި ތެލާއި ގޭސް އުފައްދާ މިންވަރު ވެސް ވަނީ އިތުރުކޮށްފަ އެވެ.

ރޮއިޓާސް ބުނި ގޮތުގައި ތެލުގެ އަގު ބަލާ ބެންޗްމާކެއް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަންނަން ހުރި ޝިޕްމަންޓްތަކުގެ އަގު ވަނީ އެއް ޕަސެންޓުން ދަށަށް ގޮސްފަ އެވެ. އެ އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ބްރެންޓް ކްރޫޑްގެ އަގު ވަނީ ފީފާއަކުން 83 ސެންޓް ނުވަތަ 11.1 ޕަސެންޓް ދަށް ވެފަ އެވެ. އެއާ އެކު ބްރެންޓް ކްރޫޑް ފީފާއެއް މިހާރު ހުރީ 77.63 ޑޮލަރަށެވެ.

ޔޫއެސް ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ކްރޫޑްގެ އަގު ވެސް ވަނީ ފީފާއަކުން 89 ސެންޓްގެ ރޭޓުން އަގު ދަށްވެފަ އެވެ. އެ ބާވަތުގެ ފީފާއެއް މިހާރު ހުރީ 73.77 ޑޮލަރަށެވެ.

ރަޝިޔާއަށް އަޅާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ތެލުގެ އަގު ދަށްކުރަން އޯޕެކް ގައުމުތަކަށް ގޮވައިލައްވާ ގޮވައިލެއްވުން ޓްރަމްޕު މިދިޔަ ހުކުރު ދުވަހު އަލުން ތަކުރާރުކުރެއްވި އެވެ.

"އެކަން [ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމަ] ހުއްޓުވޭނެ އެއް ގޮތަކީ އޯޕެކް ގައުމުތަކުން މާ ގިނަ ފައިސާ ހޯދުން ހުށްޓައިލައި ތެލުގެ އަގު ދަށްކުރުން. އޭރުން ހަނގުރާމަ ވަގުތުން ހުށްޓޭނެ،" ޓްރަމްޕު ހުކުރު ދުވަހު ވިދާޅުވި އެވެ.

ހަނގުރާމަ ހުށްޓައިލުމުގެ އެއްބަސްވުމަކަށް ނާންނަ ނަމަ، ރަޝިޔާ އާއި ޔުކްރެއިން ހަނގުރާމައިގެ އެހެން ބައިވެރިންނަށް ޓެރިފް ބޮޑުކުރުމާއި ދަތިކުރުމުގެ އެހެން ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕު ވަނީ ދެއްވައިފަ އެވެ.

ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިން ހުކުރުދުވަހު ވިދާޅުވީ ޔުކްރެއިން ހަނގުރާމަ އާއި ހަކަަތައިގެ އަގުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަން ޓްރަމްޕު އޭނާއާ ބައްދުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ތެލުގެ އަގު ދަށްކުރަން ޓްރަމްޕު ގޮވައިލައްވާ ގޮވައިލުމާ ބެހޭ ގޮތުން އޯޕެކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެހެން ނަމަވެސް ތެޔޮ އުފައްދާ މިންވަރު، އަންނަ އޭޕްރީލް މަހުން ފެށިގެން އިތުރުކުރަން އެ ޖަމާއަތުން ކުރިން ވެސް އޮތީ ނިންމައިފަ އެވެ.