Advertisement

ނަވަލްނީ މަރާލީ ބޮކެއްގެ ވިހަ ބޭނުން ކޮށްގެން ކަމަށް އިނގިރޭސި ވިލާތުން ބުނެފި

15 ފެބުރުވަރީ 2026 - 08:58 0


ނަވަލްނީ މަރާލީ ބޮކެއްގެ ވިހަ ބޭނުން ކޮށްގެން ކަމަށް އިނގިރޭސި ވިލާތުން ބުނެފި

15 ފެބުރުވަރީ 2026 - 08:58 0

ރަޝިއާގެ އިދިކޮޅު ލީޑަރު އަލެކްސީ ނަވަލްނީ މަރާލީ ދެކުނު އެމެރިކާގައި އުޅޭ ވިހަގަދަ ބޮކަކުން (ޑާޓް ފްރޮގް) ނަގާފައިވާ ވިހައެއް ބޭނުންކޮށްގެން ކަމަށް އިނގިރޭސިވިލާތާއި ވިލާތުގެ އެކުވެރި ގައުމުތަކުން ބުނެފިއެވެ.

ސައިބީރިއާގެ ޖަލެއްގައި ނަވަލްނީ އަވަހާރަވިތާ ދެ އަހަރު ފުރުނުއިރު، އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު، ނެދަލޭންޑްސް އަދި ސްވިޑަން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާގެ ހަށިގަނޑުން ފެނުނު ސާމްޕަލްތައް ތަހުލީލުކުރުމުން "އެޕިބަޓިޑީން" ކިޔާ ނުރައްކާތެރި ވިހަ މައްދާއެއް ފެނިފައިވާ ކަމަށެވެ.

އުމުރުން 47 އަހަރުގައި ނަވަލްނީ ކުއްލި ގޮތަކަށް މަރުވީ ފެބްރުއަރީ 16، 2024 ގައެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން އިނގިރޭސި ފޮރިން ސެކްރެޓަރީ އިވެޓް ކޫޕާ ވިދާޅުވީ، ނަވަލްނީ ޖަލުގައި ހުއްޓާ މިފަދަ ވިހައެއް ބޭނުންކުރުމުގެ ފުރުސަތާއި، ބޭނުމާއި، އަދި ވަސީލަތްތައް ހުރީ ހަމައެކަނި ރަޝިއާ ސަރުކާރުގެ އަތުގައި ކަމަށެވެ.

ސައިންސްވެރިން ބުނާ ގޮތުގައި "އެޕިބަޓިޑީން" އަކީ މޯފިންއަށްވުރެ 200 ގުނަ ބާރުގަދަ ވިހައެކެވެ.

މި ވިހައިގެ ސަބަބުން މަސްތައް ވާގިނެތުމާއި، ހިތުގެ ވިންދު މަޑުވުމާއި، ނޭވާލާ ނިޒާމު ހުއްޓި މީހާ މަރުވެއެވެ. ޓޮކްސިކޮލޮޖީ މާހިރުން ފާހަގަކުރާ ގޮތުގައި މިއީ މީހަކަށް ވިހަދިނުމަށް ބޭނުންކުރާނެ ވަރަށް މަދުން ނޫނީ ނުފެންނަ، ނުރައްކާތެރި އުކުޅެކެވެ.

މި ވިހަގަދަ މާއްދާ ފެންނަ ބޮކަކީ ދެކުނު އެމެރިކާގައި އުޅޭ، ނަމަވެސް ރަޝިއާގައި އެއްވެސް ވަރަކަށް ނޫޅޭ އެއްޗެކެވެ.

މި ހޯދުންތަކާ ގުޅިގެން ރަޝިއާގެ ރަސްމީ ނިއުސް އެޖެންސީ އިން ބުނެފައިވަނީ މިއީ ރަޝިއާއާ ދެކޮޅަށް ފަތުރާ ދޮގު ވާހަކަތަކެއް ކަމަށެވެ.