Advertisement

ގަދަ 16 އަށް ދިއުމަށް ޔުނައިޓެޑާއި ޓޮޓެންހަމަށް މުހިންމު މޮޅެއް

24 ޖަނަވަރީ 2025 - 10:43 0


ގަދަ 16 އަށް ދިއުމަށް ޔުނައިޓެޑާއި ޓޮޓެންހަމަށް މުހިންމު މޮޅެއް

24 ޖަނަވަރީ 2025 - 10:43 0

މެންޗެސްޓާ (ޖެނުއަރީ 24) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އިން މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ފަހު ވަގުތު ޖެހި ގޯލުން ރޭންޖާސް ބަލިކުރީ 2-1 އިންނެވެ. ޖަރުމަނުގެ ހޮފެންހައިމް ދަނޑުގައި ޓޮޓެންހަމް މޮޅުވީ 3-2 އިންނެވެ.

އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގައި ރޭ ޔުނައިޓެޑަށް މަތައިސް ޑި ލިޓް ޖެހި ގޯލެއް ވަނީ ފައުލް ކަމަށް ނިންމައިފަ އެވެ. މެޗުގެ 52 ވަނަ މިނިޓްގައި، ޔުނައިޓެޑުން ލީޑުނެގީ ރޭންޖާސްގެ ކީޕަރު ޖެކް ބަޓްލަންޑް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ، ޔުނައިޓެޑްގެ ކްރިސްޓިއަން އެރިކްސަން ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބަޓްލަންޑް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ރޭންޖާސް އިން އެއްވަރުކުރީ، މެޗުގެ 88 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ، ސީރިއަލް ޑެސާސް އެވެ. ޔުނައިޓެޑްގެ ޑިފެންސް ފަހަތަށް ކުޅުނު ބޯޅައެއް ހޯދައި ޑެސާސް މި ލަނޑު ޖެހީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.

އިތުރު ވަގުތުގައި ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހީ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އެވެ. މިއީ، ލިސަންޑްރޯ މާޓިނޭޒް ނެގި ހުރަހަކަށް އަރައި އޭރިއާތެރެއިން ފެނާންޑޭސް ޖެހި ގޯލެކެވެ.

މި މޮޅާ އެކު، ޔޫރޮޕާ ލީގުގެ ތާވަލުގައި ޔުނައިޓެޑް އޮތީ ހަތް މެޗުން 15 ޕޮއިންޓާ އެކު، ހަތަރު ވަނައިގަ އެވެ.

ޓޮޓެންހަމް އަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ކެޕްޓަން، ސޮން ހެއުން މިން ދެ ގޯލާއި ޖޭމްސް މެޑިސަން އެވެ. ހޮފެންހައިމްގެ ލަނޑުތައް ޖެހީ، އެންޓޮން ސްޓަޗް އާއި ޑޭވިޑް މޮކްވާ އެވެ.

މި މޮޅާ އެކު، ޓޮޓެންހަމް އޮތީ ހަތް މެޗުން 14 ޕޮއިންޓް ހަމަކޮށް، ހަ ވަނައިގަ އެވެ.

ޔޫރޮޕާ ލީގުގައި ރޭ ފެނަބާޗޭ އާއި ލިޔޯން ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ޕޯޓޯ ދަނޑުގައި 1-0 އިން އޮލިމްޕިއާކޯސް މޮޅުވި އެވެ. އަދި އޭޒެޑް އަލްކްމާރުން 1-0 އިން ރޯމާ ބަލިކުރި އެވެ.