ތިމާވެށްޓަށް ގެއްލުން ލިބޭތީ ނާޅަން ނިންމި ފައިނު އެއާޕޯޓުގެ މަސައްކަތް އަންނަ މަހު އެމްޓީސީސީއާ ހަވާލުކުރަނީ

23 ޖަނަވަރީ 2025 - 09:13 0

ލީވާން އަލީ ނާސިރު

ލ

ރައީސް ޑރ. މުހައްމަދު މުއިއްޒު: ފައިނު އެއާޕޯޓު އަޅަން އަންނަ މަހު އެމްޓީސީސީއާ ހަވާލު ކުރާނެ ކަމަށް ވިދާލުވި -- ފޮޓޯ: ރައީސް އޮފީސް


ތިމާވެށްޓަށް ގެއްލުން ލިބޭތީ ނާޅަން ނިންމި ފައިނު އެއާޕޯޓުގެ މަސައްކަތް އަންނަ މަހު އެމްޓީސީސީއާ ހަވާލުކުރަނީ

23 ޖަނަވަރީ 2025 - 09:13 0

މިދިޔަ ސަރުކާރުގެ ތެރޭގައި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ބޮޑުވުމުން ނާޅަން ނިންމި ރ. ފައިނު އެއާޕޯޓު އަޅަން އަންނަ މަހު އެމްޓީސީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފައިނަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ފައިނުގައި އެއާޕޯޓު އެޅުމަށް އަންނަ ފެބްރުއަރީ މަހު އެމްޓީސީސީއާ އެކު ސޮއިކޮށް، ވަރަށް އަވަހަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

"އާދެ އަޅުގަނޑު ތިބޭފުޅުންނަށް މިއަދު ދަންނަވާލަން ބޭނުންވަނީ އެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން އެމްޓީސީސީއާ އެކީގައި މި އަންނަ މަހު، ފެބްރުއަރީ މަހުގެ ތެރޭގައި އެގްރީމަންޓް ކުރުމަށް މިހާރު ނިންމާފައިވާ ވާހަކަ. އިރާދަކުރެއްވިއްޔާ އެއަށްފަހު އަމަލީ މަސައްކަތް ވަރަށް އަވަހަށް މި ރަށުގައި އެއާޕޯޓު އެޅުމަށް ފަށާނެ ކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަރުވަން،" ރައީސް ވިދާޅުވި އެވެ.

އެއާޕޯޓު އަޅަން ކަނޑައަޅާފައިވާ ސަރަހައްދާއި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ގެންދާ ސަރަހައްދާ ދިމާވާ މައްސަލަ ހައްލު ކުރަން ބަދަލުތަކެއް ގެންނާނެ ކަމަށާއި ނަމަވެސް އޭގެ ސަބަބުން ފެނާއި ނަރުދަމާގެ މަސައްކަތް ނުހުއްޓޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު މުއިއްޒު ވިދާޅުވީ އެއާޕޯޓު އަޅާ ސަރަހައްދުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަން މިދިޔަ ސަރުކާރުން ރާވާފައި އޮތީ އެއާޕޯޓުގެ މަޝްރޫއަށް ހުރަސް އެޅުމަށް ކަމަށެވެ.

"ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖެއްސުމަށްޓަކައި ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެ ކުޑަ ހަރަދެއް ކޮށްގެން ކުރެވޭނެ ގޮތަށް އެއާޕޯޓް އެޅުމަށް ބޭނުންވާ ޖާގަ ހުސްކޮށް، ފެނާއި ނަރުދަމާ ނުހުއްޓި، ހިދުމަތް ނުހުއްޓި ދެވޭ ގޮތަށް ތަރުތީބު ކޮށްގެން އެތަންތަން ބަދަލު ކޮށްގެން ރަނގަޅަށް ވަރަށް އޮމާންކޮށް މަސައްކަތް ކުރިއަށް ގެންދާނެކަން ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަން،" ރައީސް އިތުރަށް ވިދާލުވި އެވެ.

ފައިނު އެއާޕޯޓަކީ މުޅި އެ ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމާ ވަރަށް ބޮޑަށް ގުޅިފައި އޮތް އެއާޕޯޓެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެ އެއާޕޯޓުން ވަޒީފާތައް އުފެދުމުގެ އިތުރުން އެ ސަރަހައްދަށް ގިނަ ރިސޯޓުތައް އައުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށެވެ.

މިދިޔަ ސަރުކާރުން ފައިނުގައި އެއާޕޯޓެއް ނޭޅުމަށް ނިންމީ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ބޮޑުވުމުންނެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް ސޯލިހު ރ. އަތޮޅު ބެރިޔަންފަރުގައި އަޅަން ނިންމި އެއާޕޯޓު ފައިނަށް ބަދަލު ކުރަން ރައީސް މުއިއްޒު ވަނީ މާޗު 28، ގައި ގަރާރެއް ނެރުއްވައި ނިންމަވާފަ އެވެ.

ރައީސް މުއިއްޒުގެ އެ ގަރާރާ ގުޅިގެން ފައިނު ކައުންސިލުން ވަނީ ރައީސް ގަރާރު ނެރުއްވީ ރަށު ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް ބުނެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފައިނު އެއާޕޯޓު އެޅުމަށް ނިންމާ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ވެސް ހެދި އެވެ. އެ ރިޕޯޓުން ދެއްކި ގޮތުން ފައިނުގައި އެއާޕޯޓު އެޅުމަށް 5،792 ގަސް ކަނޑަން ޖެހެ އެވެ. ނަމަވެސް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އޭރު ބުނީ އެ އީއައިއޭ ފުރިހަމަ ނޫން ކަމަށެވެ.