Advertisement

"ގާޒާ ނަސްރު"ގެ ނަމުގައި މާދަމާ މާލޭގައި ބޮޑު އެއްވުމެއް ބާއްވަނީ

23 ޖަނަވަރީ 2025 - 13:24 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގާޒާގައި އިޒްރޭލުން ހިންގަމުންދިޔަ ނަސްލުހޭދު ކުރުމާ ދެކޮޅަށް މާލޭގައި މީގެ ކުރިން ބޭއްވި އެއްވުމެއްގެ ތެރެއިން -- ފޮޓޯ: އަދަދު ފައިލް


"ގާޒާ ނަސްރު"ގެ ނަމުގައި މާދަމާ މާލޭގައި ބޮޑު އެއްވުމެއް ބާއްވަނީ

23 ޖަނަވަރީ 2025 - 13:24 0

ގާޒާއަށް އަރައިގަނެ އިޒްރޭލުން ހިންގަމުންދިޔަ ނަސްލުހޭދު ކުރުން މެދުކަނޑާލައި ސަހްޔޫނީ ސިފައިން ގާޒާއިން ފޭބުމާ ގުޅިގެން އުފާ ފާޅު ކުރުމަށް "ގާޒާގެ ނަސްރު" ގެ ނަމުގައި މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ގާޒާގެ ނަސްރުގެ ނަމުގައި އެ އެއްވުން ބާއްވަން ނިންމާފައި ވަނީ މާދަމާ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުގަ އެވެ. އެ ހިނގާލުން އިންތިޒާމު ކުރަނީ އިސްރާ އެސޯސިއޭޝަނުންނެވެ.

އިޒްރޭލުން ގާޒާއަށް އަރައިގަތީ އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމަށް ކަމަށް ބުނެ ހަނގުރާމަ އިއުލާނު ކުރުމަށްފަހު އެވެ.

އެއްގަމުމަގުންނާއި ވައިގެ މަގުން ހުއްޓުމެއް ނެތި އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ގާޒާއިން 46،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި 11،000 އެއްހައި މީހުން ޒަހަމުކޮށްލާފައިވެ އެވެ. ގާޒާއިން ޝަހީދުވި މީހުންގެ ތެރެއިން 17،000 އަކީ ކުޑަކުދިންނެވެ.

ގާޒާގައި އިޒްރޭލުން ހިންގަމުންދިޔަ ނަސްލުހޭދު ކުރުން މެދުކަނޑައިލަން އެއްބަސްވުމަކާ ހަމައަށް އައީ ގަތަރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރި މަޝްވަރާތަކަށްފަހު އެވެ. ހަނގުރާމަ ހުއްޓައިލަން އިޒްރޭލާއި ހަމާސްއިން އެއްބަސްވުމަކަށް އައީ މަރުހަލަތަކަކަށް ބަހާލައިގެން އެކަން ކުރުމަށެވެ. އޭގެ ފުރަތަމަ މަރުހަލާ މިދިޔަ އާދީއްތަ ދުވަހު ފެށުނުއިރު، މި މަރުހަލާ ދެމިގެންދާނީ ހަ ހަފުތާއަށެވެ. މި މަރުހަލާގައި:

  • އިޒްރޭލާއި ހަމާސްއިން ބަދަލު ކުރަމުންދިޔަ ހަމަލާތައް ވަގުތީގޮތުން ހުއްޓައިލާނެ
  • އެތައް ދުވަހަކަށް ފަހު ގާޒާ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ގެދޮރަށް ދިޔުމުގެ ފުރުސަތު ލިބޭނެ
  • ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 33 އަސީރުން މިނިވަން ކުރާނެ. އޭގެތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިންގެ އިތުރުން 50 އަހަރަށްވުރެ ދޮށީ އުމުރުގެ އާންމުން
  • އިޒްރޭލުގެ ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން 1000 އެއްހައި މީހުން މިނިވަން ކުރާނެ އޭގެތެރޭގައި އުމުރުދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީންނާއި އޮކްޓޫބަރު 7، ގެ ފަހުން އިޒްރޭލުން ހައްޔަރު ކުރި މީހުން ހިމެނޭ
  • ގާޒާގެ އެންމެ ބައިބީ ސަރަހައްދުތައް ދޫކޮށް ގާޒާ-އިޒްރޭލު ބޯޑަރާ 700 މީޓަރާ ހަމައަށް ފަހަތަށް ޖެހޭނެ
  • ގާޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދުވާލަކު 600 އެހީ ޓްރަކް ގާޒާއަށް ވަނުމުގެ ހުއްދަ ލިބޭނެ
  • އަންނަ ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން ޒަހަމުވެފައިވާ ފަލަސްތީނުގެ ރައްޔިތުން ރަފަހު ބޯޑަރު ހުރަސްކޮށް މިސްރަށް ގޮސް ބޭސްފަރުވާ ކުރުމުގެ ހުއްދަ އިޒްރޭލުން ދޭނެ

އެއްބަސްވުމުގެ ދަށުން ދެވަނަ އަދި ތިންވަނަ މަރުހަލާއަކަށް ދާން ހަމާސް އާއި އިޒްރޭލުން އެއްބަސްވި ނަމަވެސް އެ މަރުހަލާތަކުގައި ކުރާނެ ކަންކަމާމެދު މަޝްވަރާ ކުރާނީ މި މަރުހަލާގެ މުއްދަތުގަ އެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލައި ގާޒާއިން ފޭބުމާ ގުޅިގެން ގާޒާގެ އާންމުން ދަނީ އުފާ ފާޅު ކުރަމުންނެވެ. އެކަމުގެ އުފަލުގައި ދުނިޔޭގެ އެކި ކަންކޮޅުގައި ވެސް އުފާ ފާޅު ކުރުމުގެ ހަރަކާތްތައް މި ހަފުތާ ތެރޭގައި ދަނީ ހިންގަމުންނެވެ.