Advertisement

ރަސްމާދޫ އެންޓެނާ އެހެން ތަނަކަށް ބަދަލު ކުރުމުގެ މައްސަލަ ހައްލުކޮށްދޭން ރައީސްގެ ވައުދެއް

22 ޖަނަވަރީ 2025 - 22:15 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރަސްމާދޫއަށް ވަޑައިގެން ރައީސް މުއިއްޒު ވާހަކަދައްކަވަނީ: -- ފޮޓޯ: ރައީސް އޮފީސް


ރަސްމާދޫ އެންޓެނާ އެހެން ތަނަކަށް ބަދަލު ކުރުމުގެ މައްސަލަ ހައްލުކޮށްދޭން ރައީސްގެ ވައުދެއް

22 ޖަނަވަރީ 2025 - 22:15 2

ރ. ރަސްމާދޫގައި ހުންނަ އުރީދޫ އެންޓެނާ އެ ރަށު ރައްޔިތުން ބޭނުންވާ އެހެން ސަރަހަައްދަކަށް ބަދަލުކޮށްދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އުތުރުގެ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ރަސްމާދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށު އެންޓެނާގެ މައްސަލަ ވީހައި ވެސް އަވަހަކަށް ހައްލު ކޮށްދޭން ކަމާ ގުޅުންހުރި ދެ ވަޒީރުންނަށް މިހާރު ދަންނަވާފައިވާ ކަމަށެވެ.

"އެންޓެނާގެ ވާހަކަ، އިރާދަކުރެއްވިއްޔާ އެކަން ހައްލު ކޮށްދޭނަން، އަޅުގަނޑުމެން އުރީދޫއާ ވާހަކަދައްކައިގެން އަޅުގަނޑު ދެންމެގައި ކަމާބެހޭ ދެ ވަޒީރުންނަށް މި ދަންނަވައިލީ މާލެ ގޮސް ވީހައިވެސް އަވަހަކަށް މިކަމުގައި ދެ މައްސަލަ ހައްލު ކުރަން މިއޮތީ، ހުރިތަނުން ބަދަލު ކުރުން، ދޭންޖެހޭ ފައިސާ ދިނުން، މި ދެކަމަށް ރަނގަޅު ހައްލެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ބަލައި ހައްލު ކޮށްދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރަސްމާދޫ އެންޓެނާގެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވީ އެ ރަށު ރައްޔިތުންނާއި ކައުންސިލުން އެކަން ކޮށްދިނުމަށް އެދުމުންނެވެ.

އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް "އަދަދު" ނޫހަށް ވިދާޅުވީ އެ ރަށު ރައްޔިތުން ބޭނުންވަނީ އެންޓެނާ މިހާރު ހުރި ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލު ކުރަން ކަމަށެވެ. ސަބަބެއްގެ ގޮތުގައި އާސިފް ވިދާޅުވީ އެ ބިމަކީ އެ ރަށުގެ އެންމެ ބޭނުންތެރި އެއް ބިން ކަމަށެވެ.

"މިހާރު ހުރި ތަނަކީ މި ރަށުގައި އޮތް އަނެއްހެން ބުނަންޏާ އެންމެ ބޮޑު ބިން، ރިޒާވްގެ ގޮތުގައި ވެސް ބޭނުން ކުރެވެން އޮތް އަނެއްހެން އެންމެ އަގު ވެސް ބޮޑު ބިން، ދެން މި ރަށް މިއޮތީ އަނެއްހެން ފުރިފައި، ދެން އެ ޓަވަރު އެ ހުރި ސަރަހައްދަކީ ގާތްގަނޑަކަށް 12،000 އަކަފޫޓުގެ ބޮޑު ބިމެއް، އެ ޓަވަރު އެތަނުގައި އިނދެގެން އެ ބިމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައެއް ނުއެއް ހިފޭ،" އާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް އުރީދޫއާ ވެސް މަޝްވަރާތަކެއް ކުރި ކަމަށެވެ. ނަމަވެސް އެ މަޝްވަރާތަކުން އެ މައްސަލައަށް ހައްލެއް ލިބިފައި ނުވާއިރު، އުރީދޫ އާއެކު ވެފައި އޮތް އެއްބަސްވުމުގެ މުއްދަތު ވެސް 2020 ގައި ހަމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތަނުގައި ފްލެޓު ގޮތަށް ހަމަ ހައުސިން ޔުނިޓުތަކެއް އަޅަން ބޭނުންވަނީ، ދެން އުރީދޫއިން އެ ޓަވަރު ރީލޮކޭޓު ކުރުމުގެ ވިސްނުމެއް އެއްވެސް ވަރަކަށް ނުގެންގުޅޭ، އެމީހުން ބުނަނީ ހިނގާށޭ އަލުން އެއްބަސްވުމަކަށް ދާން، އެކަމަކު އެއީ އެ ބޭފުޅުން ދައްކާ ކޮސް ވާހަކައެއް، އެއީ އެއްބަސްވުމަކަށް ގޮސްފިއްޔާމުން އެތަން ރީލޮކޭޓުން ކުރަން އަޅުގަނޑުމެން ބޭނުންވެގެން އެކަން ކުރަންޖެހޭނީ އަޅުގަނޑުމެންގެ ހަރަދުގަތާ،" އާސިފް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިއަދު ވަނީ ރަސްމާދޫ އެންޓެނާ އެހެން ސަރަހައްދަކަށް ބަދަލު ކުރަން ދާ ހަރަދު ވެސް ހަމަޖައްސަވައިދެއްވާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.