20 ޖަނަވަރީ 2025 - 07:23 0
ލީވާން އަލީ ނާސިރު
ކުރީގެ ރައީސް އަބްދުﷲ ޔާމީން: އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިގަތުމުގެ މައްސަލަ ހުކުމާ ހިސާބަށް ވަނީ ގޮސްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
20 ޖަނަވަރީ 2025 - 07:23 0
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާތައް ސާބިތު ކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅައިދޭން ޕްރރޮސެކިއުޓާ ޖެނެރަލް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމާ ހަމައަށް ގޮސްފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު އެ މައްސަލައާ ގުޅިގެން ޔާމީންގެ އިތުރުން ދައުލަތުގެ ފަރާތުން ވަނީ ހުލާސާ ބަޔާން އިއްވައި ނިންމައިފަ އެވެ.
ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ޔާމީންގެ ފަރާތުން ދަށު ކޯޓުގައި ހެކި ދިން މީހަކު ދޮގު ހެކި ދިންކަން ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކި ބަލައި ނުގަންނަން ހައި ކޯޓުން ނިންމީ ދަށު ކޯޓަށް އެ ހެކިތަކަށް ރިއާޔަތް ކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް ކަމަށެވެ.
"މި މައްސަލައިގައި ދަށު ކޯޓުގެ ފަނޑިޔާރަށް ހެކިތަކަށް ރިއާޔަތް ކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް ހައި ކޯޓުން ގޮތް ނިންމަވާފައިވާތީ، މި ހެކިތައް ހުރެމެ ދިފާއީ ހެކިން ހެދީ ދޮގުކަން ކަނޑައެޅިގެން ފަނޑިޔާރަށް އެނގިވަޑައިގެން ފާޅު ވެފައި ވަނިކޮށް އެއަށް ރިއާޔަތް ނުކޮށް މި ގޮތް ނިންމަވަން ޖެހިވަޑައިގަތީ. ކަނޑައެޅިގެން ހެއްކަކު ޝަރީއަތުގައި ދެއްކީ ދޮގު ވާހަކައެއްކަން ފަނޑިޔާރަށް އެނގިވަޑައިގެން ހުންނަވާ އެއީ ދޮގެއް ކަމަށް ކަނޑައެޅުމުގެ ފުރުސަތު ފަނޑިޔާރުންނަށް ގެއްލިގެން މިދިޔައީ،" އޭނާ ވިދާލުވި އެވެ.
ނަމަވެސް ހުލާސާ ބަޔާން އިއްވަމުން ޔާމީންގެ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮންނަނީ ޝަރީއަތްތައް ކުރުން އެކި މަރުހަލާތަކަށް ބަހާލާފައި ކަމަށާއި ދައުލަތުން އާ ހެކިތައް ހުށަހަޅާފައި ވަނީ ހެކި ހުށަހެޅުމުގެ މަރުހަލާ ނިމުނު ފަހުން ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އިއްވީ ޑިސެމްބަރު، 25، 2022، ގަ އެވެ.
ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް ނިންމީ އެމަނިކުފާނުގެ ދިފާއީ ހެކިތައް ނަފީ ކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ފަހުގަ އެވެ. ނަމަވެސް އެ މައްސަލަ ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އާ ހެކިތައް ބަލައިގަތުން ގޯސް ކަމަށް ނިންމާ، ދަށު ކޯޓުން އަލުން ބަލަން މައްސަލަ ބަލަން ހުކުމްކޮށްފަ އެވެ.
އޭގެ ފަހުން ޕްރޮސިކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހައިކޯޓުގެ އެ ނިންމުން ބާތިލުކޮށް، ދަށު ކޯޓުގައި ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
ދަށު ކޯޓުގައި ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ޕީޖީން ހުށަހެޅީ ހައިކޯޓުގެ ނިންމުން، ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ނިންމުންތަކާ އަރައިރުންވާ ކަމަށް ބުނެ އެވެ.
އާރަށް މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ އާ ހެކިތައް ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް މިދިޔަ ސެޕްޓެމްބަރު 16، ގައި ވަނީ ނިންމައިފަ އެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment