Advertisement

ހަނގުރާމަ މެދުކަނޑާލައި، ރަހީނު ކުރި މީހުން ދޫކުރަން ފަށައިފި

19 ޖަނަވަރީ 2025 - 23:26 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހަމާސްއިން ރަހީނުކުރި އިޒްރޭލުގެ ބައެއް މީހުން ދޫކޮށްލުން: އިޒްރޭލުގެ ތިން މީހަކު ވަނީ ދޫކޮށްލާފައި -- ފޮޓޯ: އަނަޑޮލޫ


ހަނގުރާމަ މެދުކަނޑާލައި، ރަހީނު ކުރި މީހުން ދޫކުރަން ފަށައިފި

19 ޖަނަވަރީ 2025 - 23:26 0

ފަލަސްތީނުގެ ގާޒާގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ހިންގަމުންދިޔަ ނަސްލު ހޭދަ މެދުކަނޑާލައި، ރަހީނު ކޮށްފައި ތިބި މީހުން ދޫކުރަން ފަށައިފި އެވެ.

ގާޒާގެ ހިމާޔަތުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް އާއި އިޒްރޭލާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ރަހީނު ކޮށްފައި ތިބި ފަލަސްތީނު މީހުންނާއި އިޒްރޭލު މީހުން ބަދަލުކޮށް، ހަނގުރާމަ މެދުކަނޑާލަން ވަނީ އެއްބަސްވެ، އެ އެއްބަސްވުމަށް އަމަލު ކުރަން ފަށާފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން ހަމާސްއިން ރަހީނު ކޮށްފައި ތިބި އިޒްރޭލުގެ ތިން މީހަކު މިހާތަނަށް ދޫކޮށްލާފައިވާއިރު، އިޒްރޭލުން ރަހީނު ކޮށްފައި ތިބި ފަލަސްތީނުގެ 90 މީހުން ކުރިއަށް އޮތް ވަގުތުތަކުގައި ދޫކޮށްލުމަށް ވަނީ ހަމަޖެހިފަ އެވެ.

ހަމާސްއިން ބުނާ ގޮތުގައި އަންނަ ހޮނިހިރު ދުވަހު އިޒްރޭލުގެ އިތުރު ބަޔަކު ދޫކޮށްލަން ވަނީ ހަމަޖެހިފަ އެވެ. އިޒްރޭލުގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ދުވަހު ހަމާސްއިން ރަޙިނު ކޮށްފައިވާ އިތުރު ހަތަރު އިޒްރޭލު މީހުން ދޫކޮށްލާނެ އެވެ.

ހަނގުރާމަ މެދުކަނޑާލުމާ ގުޅިގެން ގާޒާގެ އެކި ސަރަހައްދުތަކުގައި ހިޔާވެހިކަން ހޯދައިގެން ތިބި ބައެއް މީހުން ދަނީ އެ މީހުން ދިރިއުޅުނު ހިސާބުގެ ހާލަތު ބޭލުމަށް ހިޖުރަ ކުރަމުންނެވެ.

އިޒްރޭލުން ގާޒާގައި ހިންގި ގަތުލްއާންމުގައި 46،913 މީހުން މަރާލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި 110،750 މީހުންނަށް ޒަހަމްވެގެން ފަރުވާ ދީފައިވެ އެވެ.

ހަމާސްއިން އޮކްޓޯބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާގައި 1،139 މަރާލިއިރު، 200 އަށްވުރެ ގިނަ މީހުން އެ ޖަމާއަތުން ވަނީ ރަހީނު ކޮށްގެން ގެންގޮސްފަ އެވެ.

ގާޒާގައި އިޒްރޭލުން ހިންގަމުންދިޔަ ނަސްލުހޭދަ އަހަރަކަށްފަހު މެދުކަނޑާލުމުން އެކަމަށް ގިނަ ގައުމުތަކުން ދަނީ މަރުހަބާ ކިޔަމުންނެވެ. އަދި ގާޒާގެ އިތުރުން ބައެއް ގައުމުތަކުގައި އެކަމާ ގުޅިގެން އަންނަނީ އުފާ ފާޅުކުރުމުގެ ހަރަކާތްތައް ވެސް ހިންގަމުންނެވެ.