ގޮންޖެހުންތަކާ އެކު ވެސް ކޮންޓޭ އަށް ނަޕޯލީގެ މިސްރާބު ރަނގަޅު

19 ޖަނަވަރީ 2025 - 09:40 0


ގޮންޖެހުންތަކާ އެކު ވެސް ކޮންޓޭ އަށް ނަޕޯލީގެ މިސްރާބު ރަނގަޅު

19 ޖަނަވަރީ 2025 - 09:40 0

ނޭޕްލްސް، އިޓަލީ (ޖެނުއަރީ 19) - އިޓާލިއަން ލީގުގެ އެއް ވަނައިގައި ނަޕޯލީން ހަ ޕޮއިންޓުގެ ލީޑެއް ނެގުމުން އެނގިގެންދަނީ ގޮންޖެހުންތަކާ އެކު ވެސް އެ ކްލަބް ދަނީ ރަނގަޅު މިސްރާބުން ކަމުގައި އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ރޭ އެޓަލަންޓާ ދަނޑުގައި 3-2 އިން ހޯދި މޮޅާ އެކު، ނަޕޯލީން ލީގުގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމަށް 21 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އިންޓަ މިލާނަށް 19 މެޗުން ވަނީ 44 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް 21 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތީ 2-0 އިން އޭސީ މިލާން ބަލިކުރި ޔުވެންޓަސް އެވެ. ޔުވެންޓަސް އަށް ވަނީ 21 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ.

ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ނަޕޯލީން އާ ކުޅުންތެރިން ހޯދަން ބޭނުންވާ ކަމަށް ކޮންޓޭ ބުނި ނަމަވެސް އެ އެއްބާރުލުން އެންމެ ރަނގަޅަށް ނުލިބެ އެވެ. އަނެއްކޮޅުން ނަޕޯލީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ކްވިޗާ ކްވަަރަޝްކޭލިއާ ވަނީ ޕީއެސްޖީ އަށް ސޮއިކޮށްފަ އެވެ.

"މިދިޔަ ހަ މަސް ދުވަހަށް ބަލާއިރު އަހަރެމެންނަށް އެކި ކަަަހަލަ ޗެލެންޖުތަކެއް އައި، މުހިންމު ކުޅުންތެރިން ނެތުން، އަނިޔާގެ މައްސަލަ، ދެން ހުރި ޗެލެންޖުތައް. މި ހުރިހާ ކަަމެއް އެއް ފަރާތްކޮށް ފުޓްބޯޅަ ދަނޑުމަތީގައި ހިނގާފައި ހުރި ކަންކަމަށް ބަލާއިރު ނަޕޯލީ މި އޮތީ ރަނގަޅު ޓްރެކުގައި، އަހަރެމެން މި ދަނީ ރަނގަޅު މިސްރާބަށް،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ މި ވަގުތަށް ބަލާއިރު، ނަޕޯލީގެ ވިސްނުމަކީ ލީގު ތަށި ނޫން ކަމަށާއި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުން ކަމަށެވެ. އަދި ލީގުގެ ރޭހުގައި ނަޕޯލީ މި ވަގުތު ކުރީގައި އޮތް ނަަމަވެސް މިއީ އެ ޓީމުން އަދި އުފާފާޅުކުރަންޖެހޭ ކަމެއްގެ ގޮތުގައި ކޮންޓޭ ނުދެކެ އެވެ.

ޓްރާންސްފާ މާކެޓްގައި ނަޕޯލީގެ ހަރަކާތްތައް ކުރިއަށްދާނީ ކްލަބްގެ މެނޭޖްމަންޓާ މަޝްވަރާ ކުރުމަށް ފަހު ކަމަށާއި މީގެ ވަކި ބައެއް ބޭނުންވާ ހުރިހާ ގޮތެއް ކޮންމެ ހާލަތެއްގައި ނުވާނެ ކަމަށް ވެސް ކޮންޓޭގެ ވާހަކައިގައި ފާހަގަކުރި އެވެ.

އެޓަލަންޓާ ކޮޅަށް ރޭ ނަޕޯލީން ލަނޑުތައް ޖެހީ، މަޓެއޯ ޕޮލިޓާނޯ، ސްކޮޓް މެކްޓޮމިނޭ އަދި ރޮމެލޫ ލުކާކޫ އެވެ. އަދި އެޓަލަންޓާ އިން ގޯލުތައް ޖެހީ، މަޓެއޯ ރެޓެގީ އާއި އަޑެމޯލާ ލުކްމަން އެވެ.