Advertisement

މުސާރަ އާއި ސާވިސް ޗާޖު ދިވެހި ރުފިޔާއިން ގަބޫލު ނުކުރަން ރިސޯޓު މުވައްޒަފުންނަށް ޖަމިއްޔާއިން ގޮވާލައިފި

18 ޖަނަވަރީ 2025 - 10:21 3

ކަނޑިންމަ ރިސޯޓުގެ ބައެއް މުވައްޒަފުން: ޓީމްއިން ބުނަނީ ރުފިޔާއިން މުސާރަ ދޭން ފެށުމުން 5000ރ. ގެ ގެއްލުމެއް ލިބޭނެ ކަމަށް -- ފޮޓޯ: ކަނޑިންމަ ރިސޯޓު


މުސާރަ އާއި ސާވިސް ޗާޖު ދިވެހި ރުފިޔާއިން ގަބޫލު ނުކުރަން ރިސޯޓު މުވައްޒަފުންނަށް ޖަމިއްޔާއިން ގޮވާލައިފި

18 ޖަނަވަރީ 2025 - 10:21 3

ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ގެނައި ބަދަލާއެކު ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިވެހި ރުފިޔާއިން މުސާރަ އާއި ސާވިސް ޗާޖު ދިނުމަށް މެނޭޖްމަންޓުން މަސައްކަތް ކުރި ނަމަވެސް އެގޮތަށް އެއްބަސްނުވާން ޓުއަރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން (ޓީމް) ގޮވާލައިފި އެވެ.

ޓީމުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީއިން ބޮޑު ބައެއް ބޭންކުތަކަށް މާރު ކުރަން ނިންމުމުން އެކަން ވެސް ކުށްވެރިކޮށްފަ އެވެ. ނަމަވެސް އެ ބަދަލު ގެނައި ނަމަވެސް މުވައްޒަފުންނަށް އެމެރިކާ ޑޮލަރުން ދެމުން އައި މުސާރަ އާއި ސާވިސް ޗާޖު ދިވެހި ރުފިޔާއިން ނުދެވޭނެ ކަމަށް ޓީމުން ބުނެ އެވެ.

"ޓުއަރިޒަމްގެ ދާއިރާގައި މަސައްކަތް ކުރާ އެއްވެސް މަސައްކަތްތެރިއަކު، ދިވެހި ރުފިޔާއިން މުސާރަ އަދި ސާވިސް ޗާޖު ނެގުމަށް އެއްބަސްނުވުމަށާއި ވަޒީފާގެ ލިޔުން ބަދަލުކޮށް އެފަދަ އެއްވެސް ލިޔުމެއްގައި ސޮއި ނުކުރުމަށް ގޮވާލަން،" ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ދިވެހި ރުފިޔާއިން މުސާރަ ދޭން ލާޒިމު ކުރާ އެއްވެސް ގާނޫނެއް އަދި ގަވާއިދެއް ވެސް މިވަގުތު ނެތް ކަމަށެވެ. އަދި ދިވެހި ރުފިޔާއިން މުސާރަ ދޭން ފެށުމުން ރިސޯޓުތަކުގެ މުވައްޒަފުންނަށް ވަރަށް ބޮޑު މާލީ ގެއްލުމެއް ކުރިމަތިވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ޑޮލަރުން ދެމުން އައި މުސާރަ އާއި ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމަށް ލާޒިމް ކުރާ ގާނޫނީ ހަމައެއް މިވަގުތަށް އޮތް ކަމަށް ގަބޫލު ނުކުރެވޭއިރު، މިބަދަލު މިހާރު ގެނައުމުން ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް 3000 ނުވަތަ 5000 ރުފިޔާގެ މާލީ ގެއްލުމެއް ނުވަތަ އާމުދަނީ ދަށްވުމަކާ ކުރިމަތިލާންޖެހޭ،" އެ ބަޔާނުގައިވެ އެވެ.

ދިވެހި ރުފިޔާއިން މުސާރަ ލިބުމަށް އެއްބަސްނުވާން ޓީމްއިން ގޮވާލިއިރު ޕަލްސް ކުންފުނީގެ ރިސޯޓުތަކުން ވަނީ ދިވެހި ރުފިޔާއިން މުސާރަ ދޭން ފަށައިފަ އެވެ. އެ ކުންފުނިން ހިންގާ ރިސޯޓުތަކުގެ ތެރޭގައި ކަނޑިންމަ، ނޮޓިލަސް އަދި ނޯވާ ރިސޯޓު ހިމެނެ އެވެ. އެ ބަދަލު ގެނައުމަށް މެނޭޖްމަންޓުގެ ފަރާތުން ވަނީ މެމޯއެއް ވެސް ނެރުނެވެ.

ސަރުކާރުން ގެނައި ބަދަލާއެކު ރިސޯޓަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 500 ޑޮލަރު ރިސޯޓުން ބޭންކަކަށް މާރު ކުރަންޖެހެ އެވެ. ކޮންމެ ޓުއަރިސްޓަކަށް 500 ޑޮލަރު މާރު ނުކުރާ ނަމަ ދެން އޮތް ގޮތަކީ ޑޮލަރުން ލިބޭ އާމުދަނީގެ 20 ޕަސެންޓު ކޮންމެ މަހަކު ވެސް މާރު ކުރުމެވެ.

ޑޮލަރު މާރު ކުރުމުގެ ސިޔާސަތާ ވަރަށް ގިނަ ރިސޯޓުތަކުން ދެކޮޅު ހެދި އެވެ. ގިނަ ރިސޯޓުތަކުން ބުނެފައި ވަނީ އެ މިންވަރަށް ޑޮލަރު މާރު ކުރުމަކީ ލިބޭ އާމުދަނީއާ ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.