Advertisement

އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރަން ކާނިވަލެއް ބާއްވައިފި

16 ޖަނަވަރީ 2025 - 18:56 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރާއްޖެ ޕްރޮމޯޓު ކުރަން އިންޑިއާގައި ބޭއްވި ކާނިވަލްގެ ތެރެއިން: މިދިޔަ އަހަރު ވެސް އިންޑިއާގައި ރާއްޖެ ޕްރޮމޯޓުކުރަން އިވެންޓުތަކެއް ބާއްވާފައިވޭ -- ފޮޓޯ: އެމްއެމްޕީއާރުސީ


އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރަން ކާނިވަލެއް ބާއްވައިފި

16 ޖަނަވަރީ 2025 - 18:56 0

އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމަށް އިންޑިއާގެ ޕިކްޔުއާޓްރެއިލް އާއި އެމްއެމްޕީއާރުސީ ގުޅިގެން އެ ގައުމުގައި ކާނިވަލެއް ބާއްވައިފި އެވެ.

މޯލްޑިވްސް މަހޮޓްސަވްގެ ނަމުގައި އިންޑިއާގެ ގުރްގައުން ސިޓީގައި އެ ކާނިވާ ކުރިއަށް ގެންދިޔައީ މިދިޔަ ހޮނިހިރު އަދި އާދީއްތަ ދުވަހު އެވެ. އެ ކާނިވާ ރަސްމީކޮށް ހުޅުވައިދެއްވީ އިންޑިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު، އައިޝަތު އަޒީމާ އެވެ.

އެމްއެމްޕީއާރުސީން ބުނީ އެ ކާނިވަލުގައި ރާއްޖޭގެ 17 ރިސޯޓެއްގެ ބޫތުތައް ބަހައްޓާފައި ހުރި ކަމަށާއި އެއިން ކޮންމެ ބޫތަކަށް ޒިޔާރަތް ކުރި މީހުންނަށް ވެސް ރާއްޖެއިން ލިބޭ ހިދުމަތްތަކާއި ރާއްޖޭގެ ރީތިކަން ބަލައިލުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖެއާ ގުޅުންހުރި ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް އެ ކާނިވަލަށް ޒިޔާރަތް ކުރި މީހުންނަށް ދިން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އިންޑިއާގެ އެންމެ ބޮޑު އެއް އޮންލައިން ޓްރެވެލް ކުންފުނި، ޕިކްޔުއާޓްރެއިލްއިން އިންތިޒާމު ކޮށްގެން ބޭއްވި އެ ކާނިވަލުގެ މައިގަނޑު އަމާޒަކީ އިންޑިއާގެ އުތުރުގެ ސަރަހައްދުތަކުގެ ކައިވެނި މޫސުމުގައި ރާއްޖެއަށް ޒިޔާރަތްކޮށް ހަނީމޫން ހެދުމުގެ އިތުރުން ރާއްޖޭގައި ކައިވެނި ހަފުލާތައް ބޭއްވުމަށް ހުރި ފުރުސަތުތައް ދައްކައިލުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އިންޑިއާގައި ރާއްޖެ ޕްރޮމޯޓު ކުރުމުގެ ހަރަކާތްތަކެއް މިދިޔަ އަހަރު ވެސް އެމްއެމްޕީއާރުސީން ހިންގާފައިވެ އެވެ.

އެ ގައުމުގައި ރާއްޖެ ޕްރޮމޯޓު ކުރުމުގެ މަސައްކަތްތަކެއް އެމްއެމްޕީއާރުސީން ކުރަމުންދާއިރު، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އޭގެ ކުރީގެ އަހަރުތަކާ އަޅައި ބަލާއިރު މިދިޔަ އަހަރު މަދެވެ.

އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާން ފެށީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ފުރައްސާރަ ކުރި މައްސަލައިގަ އެވެ. އެކަމާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ބުރޫ އަރައި އިންޑިއާގެ ބައެއް ޓްރެވެލް އޭޖެންސީތަކުން ރާއްޖެ ބްލެކްލިސްޓު ވެސް ކުރި އެވެ.