Advertisement

ޕީއެންސީއަކީ މިނިކާ ބާޒެއް، އެ ޕާޓީއާ ހެދި ރައްޔިތުންނަށް މުސީބާތަކަށްވެއްޖެ: ޖަމީލު

13 ޖަނަވަރީ 2025 - 15:39 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުރީގެ ނައިބު ރައީސް، މުހައްމަދު ޖަމީލް އަހުމަދު -- ފޮޓޯ: އަދަދު ފައިލް


ޕީއެންސީއަކީ މިނިކާ ބާޒެއް، އެ ޕާޓީއާ ހެދި ރައްޔިތުންނަށް މުސީބާތަކަށްވެއްޖެ: ޖަމީލު

13 ޖަނަވަރީ 2025 - 15:39 1

ޕީއެންސީއަކީ ނިދާފައި ހޭލާއިރު ކޮންމެ މީހަކު ވެސް ޖަހައިގަނެގެން ގެންގޮސްފާނެ މިނިކާ ބާޒެއް ކަމަށާއި އެތައް ރައްޔިތަކަށް ޖެހިފައިވާ މުސީބާތަކަށް އެ ޕާޓީ ވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ވަގު ފޯމު ފުރައިގެން އެތައް ބަޔަކު ވެރިކަން ކުރާ ޕީއެންސީއަށް ވައްދަމުން ގޮސް އެންމެފަހުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު، ހުސެއިން ޒިޔާދު (ފިއްޓޭ) ވެސް އެ ޕާޓީއަށް ވެއްދި މައްސަލައާ ގުޅިގެން ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީއަކީ ކޮންމެ މީހަކު ވެސް ޖަހައިގަނެގެން ގެންގޮސްފާނެ ކަހަލަ މިނިކާ ބާޒެއް ކަމަށެެވެ.

"ޕީއެންސީއަކީ ނިދާފަ ހޭލާއިރު ކޮންމެ މީހަކު ވެސް ޖަހައިގަނެގެން ގެންގޮސްފާނެ މިނިކާ ބާޒެއް، ދިވެހި އެތަކެއް ރައްޔިތަކަށް ޖެހިފައިވާ މުސީބާތަކަށް މި ޕާޓީ ވެއްޖެ، މިއީ ސީދާ މުއިއްޒު އާއި އިހުސާން އަދި ޕީއެންސީ ބޮޑުން ޒިންމާ ނަގަން ޖެހޭ ކަމެއް،" ޖަމީލްގެ ޕޯސްޓުގައި ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރު، ފިއްޓޭ ޕީއެންސީއަށް ވައްދާފައި އޮތީ މިދިޔަ ޑިސެމްބަރު 23، ގަ އެވެ. "އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން ފިއްޓޭ ވިދާޅުވީ ވައިކަރަދޫގެ ވަރަށް ގިނަ ބަޔަކު ޕީއެންސީއަށް ވައްދާފައިވާ ކަމަށެވެ.

"ރަށުގެ ވަރަށް ގިނަ މީހުން ޕީއެންސީއަށް ވައްދާފައި އޮތީމާ ޗެކު ކޮށްލީ، ކޮށްލިއިރު ވައްދާފައި އޮތީ،" ފިއްޓޭ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޖަމީލް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވެއްދުމަކީ މަކަރާއި ހީލަތާއި ފޯޖަރީ ކަމަށެވެ.

"މިއީ މަކަރާއި ހީލަތާއި ފޯޖަރީ އާއި އަސާސީ ހައްގުތަކަށް އަރައިގަތުން ހިމެނޭ ޖަރީމާތަކެއް، ޕީއެންސީގެ މި އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރެވެންޖެހޭ، މުއިއްޒުގެ ޕާޓީން މި ކުރަނީ މުޅިތަން ފަސާދަ ކުރުން، ވައްކަން އާންމު ކުރުން، ނިޒާމު ގަޑުބަޑު ކުރުން،" ޖަމީލު ވިދާޅުވި އެވެ.

މި ސަރުކާރުގައި އިސިކޮޅު މެންބަރަކަށް ވެސް ރައްކާތެރި ކަމެއް ނެތްތޯ އާއި ޕީއެންސީގެ ނުރައްކަލުން އާންމު މީހާގެ ހައްގުތައް ރައްކާތެރި ކޮށްދޭނީ ކޮންބައެއްތޯ ޖަމީލު ސުވާލު އުފެއްދެވި އެވެ.

ވަގު ފޯމުތަކެއް ފުރައިގެން ޕީއެންސީއަށް މީހުން ވައްދާފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް އިދިކޮޅު އެމްޑީޕީން ވަނީ މިދިޔަ ހަފުތާގައި އިލެކްޝަންސް ކޮމިޝަނާ ހިއްސާ ވެސް ކޮށްފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންނާއި ބައެއް މަޖިލިސް މެންބަރުން ހިމެނޭހެން އެ ޕާޓީގެ ޓީމެއް އިލެކްޝަންސް ކޮމިޝަނަށް ގޮސް އެދުނީ ޕީއެންސީން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓައިލުމަށްފަހު ހުރިހާ ފޯމެއް އަލުން ބަލައިދިނުމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފޯމުތަކުގެ މައްސަލައިގައި އިލެކްޝަންސްއިން ވަކި ގޮތެއް ނުނިންމަ އެވެ.