Advertisement

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް އާއެކު އިތުރު ބަޔަކު ރަސްމީކޮށް އެ ޕާޓީއާ ގުޅިއްޖެ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހަސަން ލަތީފްގެ އިތުރުން އެ ޕާޓީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒު ވަނީ ރަސްމީކޮށް އެމްޑީޕީއާ ގުޅިފައި -- ފޮޓޯ: ފައިލް


އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް އާއެކު އިތުރު ބަޔަކު ރަސްމީކޮށް އެ ޕާޓީއާ ގުޅިއްޖެ

ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހަސަން ލަތީފް އަލުން ޑިމޮކްރެޓްސްއިން ވަކިވެ އެމްޑީޕީއާ ރަސްމީކޮށް ގުޅިއްޖެ އެވެ.

ހަސަން ލަތީފް އާއެކު އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ) ގެ މެންބަރުކަމުގެ ފޯމު ވެސް ރަސްމީކޮށް އެމްޑީޕީއަށް ލިބިފައިވާކަން އެ ޕާޓީން ވަނީ އިއުލާނުކޮށްފަ އެވެ.

އެމްޑީޕީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ އެ ދެ ބޭފުޅުން އަލުން އެ ޕާޓީއާ ގުޅުމުން މަރުހަބާ ދަންނަވައިފަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ވައިސް ޕްރެޒިޑެންޝަލް ކެންޑިޑޭޓަކަށް ކުރިމަތިލެއްވި ހުސެއިން އަމްރު އާއި ކުރީގެ މެންބަރު އަލީ އާޒިމް ވެސް ވަނީ އެމްޑީޕީއަށް ސޮއި ކުރައްވައިފަ އެވެ. ނަމަވެސް އެ ބޭފުޅުންގެ މެންބަރުކަމުގެ ފޯމު އެމްޑީޕީއަށް ރަސްމީކޮށް އަދި ހުށަހެޅި ކަމެއް ނޭނގެ އެވެ.

އެ ބޭފުޅުންގެ ތެރެއިން އާޒިމަކީ އެމްޑީޕީން ވަކިކޮށްފައި ހުރި ބޭފުޅެކެވެ.

އާޒިމް އެމްޑީޕީން ވަކިކުރީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް، ފޯޅަވައްސާއި އައްޑޫއާ ދެމެދު އޮތް ކަނޑުގެ އިގުތިސޯދީ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި އޭރު އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ "ފޯޅަވަހި ކޯލިޝަން"ގެ ބައްދަލުވުންތަކާއި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ އާއި އޭރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރުމާ ގުޅިގެންނެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުންތަކަކާއި އެ ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިބި ބޭފުޅުންތަކެއް އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ އާޒިމް އެމްޑީޕީން ވަކި ކުރުމުންނެވެ.

އެމްޑީޕީގެ އެތެރެ ރޫޅިގެން ދިޔައީ ރިޔާސީ ކެންޑިޑޭޓުގެ ވާދަވެރިކަމުގަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ކުރިމަތިވި ނާކާމިޔާބީ ގަބޫލު ނުކުރައްވައި، އެ މަނިކުފާނާއި އެ މަނިކުފާނުގެ ސަޕޯޓަރުން ނުކުތީ، އެމްޑީޕީގެ ކެންޑިޑޭޓު ‘އިބްރާހިމް މުހައްމަދު ސޯލިހު ނޫން ގޮތެއް’ ހޯދުމަށެވެ.

ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ގެއްލިގެން ދިޔަ މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.