Advertisement

ވަކިވެގަނެގެން ތިބެ ސިޔާސީ މަސައްކަތް ނުކުރެވޭނެ: އާޒިމް

އަލީ އާޒިމް: ވަކިވެގަނެގެން ތިބެ ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް


ވަކިވެގަނެގެން ތިބެ ސިޔާސީ މަސައްކަތް ނުކުރެވޭނެ: އާޒިމް

ވަކިވެގަނެގެން ތިބެ ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް އެމްޑީޕީއަށް ސޮއިކުރި ދަ ޑިމޮކްރެޓްސްގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު ޕްރޮގްރާމް" ގައި އާޒިމް ވިދާޅުވީ ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއަށް ވަނުމުގެ ކަންކަން ފުރިހަމަ ކުރަމުންދާ ކަމަށާއި ވަކިވެގަނެގެން ތިބުމަށްވުރެ އެންމެ ރަނގަޅަށް ސިޔާސީ މަސައްކަތް ކުރެވޭނީ އެކުގައި ކަމަށެވެ.

"ސިޔާސީ މަސައްކަތެއް ކުރެވެން މި އަންނަނީ ބައިވަރު ބަޔަކާ އެކު. ހަމަ އެކަނި ވަކިން ތިބެގެނެއް ކުރެވެން އަންނަ މަސައްކަތެއް ނޫން މިއީކީ. އެހެންވީމަ އަޅުގަނޑު ވެސް އިރާދަކުރެއްވިއްޔާމުން މިއަދު ނޫނީ މާދަމާ އެމްޑީޕީއަށް ވަނުމުގެ ކަންކަން ފުރިހަމަވެގެންދާނެ ކަމަށް އަޅުގަނޑު މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީއަށް ވަނުމުގެ ފުރުސަތު އަލުން ލިބުމުން، އެ ޕާޓީގައި ހުރެ ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމަށް ގަބޫލު ކުރެވުނު ކަމަށާއި އެ ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ އިންސްޓިޓިއުޝަން ކަމަށެވެ.

މީގެއިތުރުން އާޒިމް ވިދާޅުވީ އަބަދުވެސް އޭނާއަކީ ގޯސްކޮށް ކަމެއް ހިނގާނަމަ، އެކަން އިސްލާހު ކުރަން ނިކުމެ ގޮވާލާ ކަމަށެވެ.

"ގޯސްކޮށް ގައުމުގެ ކަންކަން ދާ ކޮންމެ ފަހަރަކު އަޅުގަނޑުމެން ނިކުމެ އެކަންކަން ރަނގަޅު ކުރަން މަސައްކަތް ކޮށްފައި މިއަދާ ހިސާބަށް ހުރީ. އެހެންވީމަ މީގެ ކުރިން ވެސް އަޅުގަނޑު އެމްޑީޕީގައި ހުރީ. އެމްޑީޕީގެ ތެރެއިން އަޅުގަނޑުމެން ބަސް ބުނަމުން ދިޔައީ. ދެން ކަން ދިމާކުރި ގޮތުން އެ ބަސްތަކަކީ އެހާ އަޑުއަހާލަން ފަސޭހަ ބަހަކަށް ނުވެގެން ކަންނޭގޭ އަޅުގަނޑު އެމްޑީޕީން ވަކި ކުރީ އެނގޭތޯ،" އާޒިމް ވިދާޅުވި އެވެ.

"އަަޅުގަނޑު އެމްޑީޕީއަށް ވަނުމުގެ ފުރުސަތު އަލުން ލިބިގެން ދިޔާމަ އަޅުގަނޑު ހިތަށް އެރީ މީގެ ތެރޭގައި ހުރެގެންނޭ ކަމެއް ކުރެވޭނީ. ހަގީގަތުގައި އެމްޑީޕީއަކީ ވަރަށް ބޮޑު އިންސްޓިޓިއުޝަނެއް އެނގޭތޯ. އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ ދިވެހިރާއްޖޭގެ އޮތް ސިޔާސީ އެންމެ ބޮޑު އެއް އިންސްޓިޓިއުޝަން އެމްޑީޕީއަކީ. އަޅުގަނޑު އަބަދުވެސް ލޯބިވާ ތަނެއް. އަޅުގަނޑު އަބަދުވެސް ހުންނަން ބޭނުންވާ ތަނެއް،"

އެމްޑީޕީން ވަކި ހަމަތަކާއި އުސޫލުތަކެއް އަބަދުވެސް ގެންގުޅޭކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ކަން ކުރަން ތިބި މީހުން ކަން ކުރި ގޮތަކީ އެންމެ ރަނގަޅޫ ގޮތަށް ނުވުމުން އެކަމުގެ ވާހަކަތައް ދެއްކި ކަމަށެވެ.

ރައްޔިތުންގެ ތިބި ދެރަ ނިކަމެތި ހާލަތުން އަރައިގަނެވޭނީ ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ތެރެއިން މަސައްކަތް ކުރެވިގެން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.