12 ޖަނަވަރީ 2025 - 12:51 0
އަލީ މުހައްމަދު
އެމެރިކާގެ ލޮސްއެންޖެލިސް ކައުންޓީގައި ރޯވެ އަނދަމުންދާ އަލިފާންގަނޑެއް ނިއްވަން ވައިގެ މަގުން ފެންޖަހަނީ. ފޮޓޯ: ގެޓީ އިމޭޖަސް
12 ޖަނަވަރީ 2025 - 12:51 0
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސްއެޖެލިސް ކައުންޓީގެ އެކި ސަރަހައްދުތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް ކޮންޓްރޯލް ނުކުރެވި، އިތުރަށް ވަރުގަދަވެދާނެ ކަމަށް ބެލިއްޖެ އެވެ.
އެމެރިކާގެ ނެޝަނަލް ވެދާ ސާވިސް އިން ލަފާކުރާ ގޮތުގައި ހޮނިހިރު ދުވަހުން ފެށިގެން އާދީއްތަ ދުވަހާ ހިސާބަށް ވެސް ލޮސްއެންޖެލިސް ސަރަހައްދުގައި ވައިގަދަވާނެ އެވެ. އެގޮތުން އާއްމު ގޮތެއްގައި ގަޑިއަކު 30 މޭލަށް ވައިޖެހޭ އިރު، ވައިގަދަވާ ވަގުތުތަކުގައި ގަޑިއަކު 70 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެ އެވެ.
އެ ސަރަހައްދަށް އިއްޔެ ކޮންމެވެސް ވަރަކަށް ވައިމަޑުވުމުން، އަލިފާންގަނޑުތައް ނިއްވުމުގައި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވުނެވެ. އެެހެން ނަމަވެސް ކުރިއެރުމެއް ނުލިބުނީ ސަރަހައްދުގެ ގަސްތަކާއި ފަތްތައް ހިކިކަމާއި އަލިފާާން ނިވަން އަރަން ޖެހޭ ތަންތަނުގެ އުނދަގޫ ކަމުން ކަމަށް އަލިފާން ނިވާ މީހުންނާ ހަވާލާދީ ނޫސްތަކުން ބުންޏެވެ.
ކެލިފޯނިއާގެ ފަޔަ ޑިޕާޓްމަންޓްގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވި އޮފިޝަލެއް ކަމަށްވާ ޓޮޑް ހޮޕްކިންސްއާ ހަވާލާދީ ރޮއިޓާސް ބުނީ "ޕަލިސޭޑްސް ފަޔާ" ގެ ނަންދީފައިވާ އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދިނުމުގެ ފިޔަވަޅުގެ 11 ޕަސެންޓް ހާސިލުކުރެވިފައިވާ ކަމަށެވެ. އެއީ ކެލިފޯނިއާގައި ރޯވެފައިވާ އަލިފާންގަނޑު ތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ ބާރަށް އަނދަމުންދާ އަލިފާންގަނޑެވެ.
ހޮޕްކިންސް ވިދާޅުވެފައިވާ ގޮތުގައި އެ އަލިފާންގަނޑުގެ ސަަބަބުން މިހައިތަނަށް 22،000 އޭކަރު ( 8،900 ހެކްޓަރު)ގެ ސަރަހައްދެއް ވަނީ އަނދައިފަ އެވެ. މީހުން އުޅޭ ސަރަހައްދެއް ކަމަށްވާ މަންޑްވިލީ ކެންޔަން އަށް ފެތުރި، އެއާ ޖެހިގެން އޮންނަ ބްރެންޓް ވުޑް ކިޔާ ސަރަހައްދަށް ފެތުރޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.
ބްރެންޓްވުޑް އަކީ އެމެރިކާގެ މަޝްހޫރު އެތައް ބަައެއްގެ އަގުބޮޑު ގެތައް ހުންނަ ސަރަހައްދެކެވެ.
އަލިފާންގަނޑުތައް ފެތުރޭތީ ގެދޮރު ދޫކޮށްދާން ކެލިފޯނިއާގެ އިތުރު 153،00 މީހުންނަށް މިިހާރު ވަނީ އަންގައިފަ އެވެ. އެ އަލިފާންގަނޑުތަކުގެ ސަބަބުން މިހައިތަނަށް 22،000 އިމާރާތް އަނދައި އަޅިއަށް ވެފައި ވާއިރު އިތުރު 57،000 އިމާރާތެއް އަނދައިފާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
Comment