about 9 hours 0
ސިޓީގެ މެކްއަޓީ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ
about 9 hours 0
ލަންޑަން (ޖެނުއަރީ 12) - އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ބޮޑު މޮޅެއް ހޯދައި، މެންޗެސްޓާ ސިޓީ އާއި ޗެލްސީ އަދި ލިވަޕޫލް މުބާރާތުގެ އަނެއް ބުރުން ޖާގަ ހޯދައިފި އެވެ.
ސިޓީން ވަނީ އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ ސަލްފޯޑް އަތުން 8-0 އިން މޮޅުވެފަ އެވެ. ތިން ވަނަ ޑިވިޝަނުގެ އެކްރިންޓަން ސްޓޭންލީ އަތުން ލިވަޕޫލް މޮޅުވީ 4-0 އިންނެވެ. އަދި ޗެލްސީން ތިން ވަނަ ޑިވިޝަނުގެ މޯކޭމްބް އަތުން މޮޅުވީ 5-0 އިންނެެވެ.
މިއީ، ސިޓީން 2019 ވަނަ އަހަރަށް ފަހު މުބާރާތެއްގައި ހޯދި އެންމެ ބޮޑު މޮޅެވެ. ސިޓީގެ އިނގިރޭސި މިޑްފީލްޑަރު، ޖޭމްސް މެކްއަޓީ މި މެޗުގައި ހެޓްރިކެއް ހެދިއިރު، މި މެޗުގެ ކުރިން އޭނާ ސިޓީ އަށް ޖަހައިދިނީ އެންމެ ދެ ލަނޑެެވެ.
މި މެޗުގައި ސިޓީގެ ޖެރެމީ ޑޮކޫ ދެ ގޯލު ޖެހިއިރު އެއް ގޯލަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. ސިޓީގެ އަނެއް ލަނޑުތައް ޖެހީ ޖެކް ގްރީލިޝް، ޑިވިން މުބާމާ އަދި ނިކޯ އޯރެއިލީ އެވެ. މީގެ ތެރެއިން، ގްރީލިޝް ޖެހި ގޯލަކީ، މިދިޔަ އެއް އަަހަރު ތެރޭ އޭނާ ސިޓީ އަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
ލިވަޕޫލްގެ ކިއޭޒާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
ލިވަޕޫލުން އަމިއްލަ ދަނޑުގައި ލީޑުނެގީ، ޑާވިން ނޫނޭޒް ދިން ބޯޅައަކުން ޑިއޯގޯ ޖޮޓާ ކާމިޔާބުކުރި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ވަނީ ލިވަޕޫލްގެ ލީޑުފުޅާކޮށްދީފަ އެވެ. މި މެޗުގައި ލިވަޕޫލްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އާނޯލްޑް އޭރިއާ ރޮނގުކައިރީގައި ހުރެފައި ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އަރައި، ޖޭޑަން ޑޭންސް އާއި ފެޑެރީކޯ ކިއޭޒާ ވަނީ ލިވަޕޫލްގެ ތިން ވަނަ ގޯލާއި ހަތަރު ވަނަ ގޯލު ޖަަހައިފަ އެވެ. ކިއޭޒާގެ ޝޮޓެއްގެ ރީބައުންސަށް އަރައި، ޑޭންސް ގޯލު ޖެހިއިރު، ކިއޭޒާ ލިވަޕޫލަށް ޖަހައިދިން ފުރަތަމަ ގޯލު ކާމިޔާބުކުރީ އޭރިއާބޭރުން ޖެހި ޝޮޓަކުންނެވެ.
ލިވަޕޫލުން މި މެޗަށް ނެރުނު ފުރަތަަމަ އެގާރައިގައި ވަނީ 16 އަހަރުގެ ރިއޯ އެންގުމޯހާ ހިމަަނައިފަ އެވެ. މިއީ، ޗެލްސީ އެކަޑަމީން ގަތް އެންގުމޯހާ ލިވަޕޫލްގެ ފުރަތަމަ ޓީމުގައި ކުޅުނު ފުރަތަމަ މެޗެވެ.
މޯކޭމްބް ކޮޅަށް ޗެލްސީ އަށް ލީޑުނަގައިދޭން ސްޓެފަން އެންކުންކޫ ޖެހި ޕެނަލްޓީ ވީ ނާކާމިޔާބެވެ. އެކަމަކު، އެންކުންކޫ ވަނީ އޭގެ ފަހުން ލަނޑެއް ޖަހައިފަ އެވެ.
ޗެލްސީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ޗެލްސީގެ އަނެއް ލަނޑުތައް ޖެހީ، ޖޮއާއޯ ފެލިކްސް އާއި ޓޮސިން އަޑަރާބިއޯޔޯ އެވެ. މީގެއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، ޖޮއާއޯ ފެލިކްސް ޖެހި ދެ ގޯލު ޖެހީ ދެ މިނިޓް ތެރޭގަ އެވެ. މި މެޗުގައި ޖުމްލަކޮށް އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ފާހަގަކޮށްލެވޭ އެހެން ނަތީޖާތަކަށް ބަލާއިރު، އެސްޓަން ވިލާ އިން 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރިއިރު، ބްރިސްޓަލް ސިޓީ އަތުން ވުލްވްސް މޮޅުވީ 2-1 އިންނެވެ. ނޮޓިންހަމް ފޮރެސްޓުން 2-0 އިން ލޫޓަން ޓައުން ބަލިކުރިއިރު، ނޮރިޗް ސިޓީ ދަނޑުގައި ބްރައިޓަން މޮޅުވީ، 4-0 އިންނެވެ.
Comment