ލަންޑަން (ޖެނުއަރީ 9) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި، އާސެނަލުން އަމިއްލަ ދަނޑުގައި ލިވަޕޫލާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ލީޑުފުޅާކުރަން ލިބުނު ފުރުސަތުގައި ފައިދާ ނެގޭގޮތެއް ނުވި އެވެ.
ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް އެސްޓަން ވިލާ އަށް މި ހަފްތާގައި މޮޅެއް ނުހޯދި ދިޔައިރު، އެއް ވަަނައިގައި އޮތް އާސެނަލަށް ވެސް ބޭނުންވި ނަތީޖާ ނުނެރެވުނެވެ. އެ ގޮތުން، އާސެނަލަށް އަށް ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު ލިބިފައިވަނިކޮށް، އެއްވަރުވުމުން ލީޑުފުޅާކުރެވުނީ، ހަ ޕޮއިންޓަށެވެ.
އާސެނަލަށް 21 މެޗުން 49 ޕޮއިންޓް، ދެ ވަނައިގައި އޮތް ސިޓީ އާއި ތިން ވަނައިގައި އޮތް ވިލާ އަށް 21 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ލިވަޕޫލަށް 21 މެޗުން 35 ޕޮއިންޓް ވަނީ ލިބިފަ އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުުޅުނު މެޗުގައި، އާސެނަލްގެ ބުކާޔޯ ސަކާ އާއި ޑެކްލަން ރައިސް ފުރަތަމަ ހާފުގައި ފޮނުވާލި ހަމަލާތައް ލިވަޕޫލްގެ ކީޕަރު، އެލިސަން ބެކާ ވަނީ ހުއްޓުވައިފަ އެވެ. އަނެއްކޮޅުން، އާސެނަލްގެ ވިލިއަމް ސަލީބާ އާއި ކީޕަރު ޑޭވިޑް ރާޔާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ލިވަޕޫލްގެ ކޮނާ ބްރެޑްލީ ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.
ދެ ވަނަ ހާފުގައި ލިވަޕޫލުން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނު ނަމަވެސް އާސެނަލް ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އަދި، އާސެނަލަށް ލަނޑު ޖަހަން މެެޗުގެ ފަހު ސިކުންތުގައި ލިބުނު ފުރުސަތުގައި، ކޯނަރަކުން އައި ހުރަހެއްގައި ގަބްރިއަލް މަގާޅައެސް އަށް ގޯލާ ސީދާކޮށް ބޮލުން ޖެހޭ ގޮތެއް ނުވި އެވެ.
މި ސީޒަނުގައި އާސެނަލަށް ލިވަޕޫލާ އެކު ކުޅުނު ދެ މެޗުން ލަނޑެއް ނުޖެހި، ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ. ލިވަޕޫލުން ވަނީ އަމިއްލަ ދަނޑުގައި އާސެނަލް އަތުން 1-0 އިން މޮޅުވެފަ އެވެ.
Comment