Advertisement

މާފުށި ޖަލުގައި ހިނގާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު އެޗްއާރްސީއެމްއިން މޮނިޓާކުރަނީ

9 ޖަނަވަރީ 2025 - 15:24 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ މެންބަރުން: މާފުށި ޖަލުގައި ހިނގާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު އެ ކޮމިޝަނުން މޮނިޓާ ކުރަމުންދާ ކަމަށް ބުނި -- ފޮޓޯ: އެޗްއާރްސީއެމް


މާފުށި ޖަލުގައި ހިނގާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު އެޗްއާރްސީއެމްއިން މޮނިޓާކުރަނީ

9 ޖަނަވަރީ 2025 - 15:24 0

މާފުށި ޖަލުގައި ހިނގަމުންދާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ސަމާލުކަމަށް އައުމުން، އެކަން މޮނިޓާ ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމްއިން ބުނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ސާފުކޮށް، ގައިދީންނާއި ބަންދުގައި ތިބި މީހުންނާ ވާހަކަ ދައްކަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މާފުށީ ޖަލުގައި ހިނގަމުންދާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކޮމިޝަންގެ ސަމާލުކަމަށް އައުމާ އެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ސާފުުކޮށް ގައިދީންނާއި ބަންދުގައި ތިބި މީހުންނާ ވާހަކަ ދައްކާ ހާލަތު މޮނިޓާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން،" އެޗްއާރްސީއެމްއިން ބުންޏެވެ.

"އަދަދު" އަށް އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި މާފުށި ޖަލުގައި އެންމެ ހައި ސެކިއުރިޓީ ޔުނިޓުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ހިންގަން ފެށިތާ ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ.

ނަމަވެސް އެކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން "އަދަދު" އަށް ވިދާޅުވީ ޖަލުގައި ގައިދީންތަކެއް ޖަލުން ދޭ ތަކެތި ނުކައި، އެމީހުން އަމިއްލައަށް ކާބޯތަކެތި ގަނެގެން ކައިބޮއެ ހަދަމުންދާ ކަމަށެވެ.

އެގޮތަށް އަމިއްލައަށް ކާބޯތަކެތި ގަނެގެން ކަނީ ކިތައް ގައިދީން ކަމެއް އަދި އެމީހުން ޖަލުން ދޭ ތަކެތި ނުކާން ފެށިތާވީ ކިހާ ދުވަހެއް ކަމެއް ޔުސްރީން ވިދާޅެއް ނުވެ އެވެ. އެކަމަކު އޭގެ ތެރެއިން ދެ މީހަކު ހާލު ދެރަވާ ކަމަށް ބުނުމުން ފަރުވާ ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ގައިދީންތަކެއް އަޅުގަނޑުމެން ދޭ ކާއެއްޗެ ނުނަގަނީ. އެކަމަކު އެމީހުން ވިޔަފާރި އުސޫލުން ގަނެގެން އެއްކޮށްފައި ހުންނަ ކާއެއްޗެހި ކައިގެން ތިބެނީ. އެހެންވީމަކާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ނޫން އެއީ އަނެއްހެން. އެއްވެސް މީހަކު އެޑްމިޓެއް ނުކުރޭ. ދެ މީހަކު ވަރުދެރަވާ ވާހަކަ ބުނީމަ ގެންގޮސްފައި ޑޮކްޓާ ޗެކް ކޮށްފައި ބުނީ ވައިޓަލްސްއާ އެއްޗެހި ރަނގަޅޭ،" ޔުސްރީން ވިދާލުވި އެވެ.

ޔުސްރީން ވިދާޅުވީ ގައިދީން ޖަލުން ދޭ އެއްޗެހި ނުކާން ފެށި ޖަލުގެ ސެކިއުރިޓީއާ ގުޅިގެން އޮޕަރޭޝަނަށް ގެނައި ބަދަލުތަކާ ގުޅިގެން ކަމަށާއި ގައިދީންގެ ހުރި ކަންބޮޑުވުންތަކަށް އެޑްރެސްކޮށް ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗްއިން ބުނީ މާފުށީ ޖަލުގެ ޔުނިޓް 2 އަދި 4 ގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ޖަމިއްޔާއިން ވަނީ ގައިދީނަން ދިނުމަށް ގާނޫނާއި ގަވައިދުތަކުގައި ކަނޑައެޅިފައިވާ އެންމެހައި ހައްގުތައް ކަށަވަރު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލައިފަ އެވެ.