މާލެއިން މިއަދު ހުޅުމާލެ ފެންނަ ގޮތް: ނައި ނުސާފުވަނީ އިންޑިއާގެ ތަޣައްޔަރު ވައި ރާއްޖެއަށް ދަތުރު ކުރާތީ -- ފޮޓޯ: އިބްރާހިމް ޝާފިއު / އަދަދު
އިރުވައި މޫސުމުގެ ފުރަތަމަ ދުވަހާއެކު ވެރި ރަށް މާލޭގެ ވައި މިއަދު ވަރަށް ބޮޑަށް ނުސާފުވެއްޖެ އެވެ.
އިރުވައި މޫސުމާއެކު އާންމުކޮށް ވެސް ރާއްޖޭގެ ވައި ނުސާފު އެވެ. އެއީ އުތުރު އިންޑިއާ މަތީގައި އުފެދޭ ހިރަފުސްގަނޑު ވަޔާއެކު ރާއްޖެއަށް ދަތުރު ކުރާތީ އެވެ.
ވައިގެ ކޮލިޓީ ބަލާ މިންގަނޑުން މާލޭގެ ވައި މިއަދު ހުރީ 114 ގަ އެވެ. އެއީ ވައިނުސާފުވުމުން ކުރާ އަސަރު ބޮޑު، ނާޒުކު މީހުންނަށް ރައްކާތެރި މިންގަނޑެއް ނޫނެވެ.
އެންމެ ރަނގަޅީ 0-50 އާ ދޭތެރޭގައި ވައިގެން ކޮލިޓީ ހުންނަ ނަމަ އެވެ. ދެ ވަނަ އަށް އެންމެ ރަނގަޅީ 50-100 އާ ދޭތެރޭގައި ވައިގެ ސާފު މިންގަނޑު ހުންނަ ނަމަ އެވެ.
އެކަމަކު، ލަފާ ކުރެވޭ ގޮތުގައި މިއަދު މެންދުރު ފަހު ވައި ރަނގަޅުވާނެ އެވެ. އެއީ ފަހުން ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ، ވާރޭއާއެކު ޖައްވު ސާފުވާނެތީ އެވެ.
ވައި ނުސާފުވުމުގެ ސަބަބުން މާލެ ކައިރީ އަޅާފައި ހުރި އޮޑިދޯނިފަހަރު ވެސް ފެންނަނީ ވަރަށް ފުސްކޮށެވެ. އަދި ނުސާފުކަމުން ކައިރީ ރަށްރަށް ނުވެސް ފެނެ އެވެ.
އިރުވައި މޫސުމާއެކު ޖައްވު ނުސާފުވި ނަމަވެސް މީގެ ކުރިން ރާއްޖެއަށް މިހާ ބޮޑު އަސަރެއް ނުކުރެ އެވެ. އެކަމަކު، އިންޑިއާގެ ވައި އިންތިހާއަށް ތަޣައްޔަރުވަމުންދާތީ އޭގެ އަސަރު ރާއްޖެއަށް ވެސް ކުރަނީ އެވެ.
Comment