Advertisement

މޫސުމާއި ތިމާވެއްޓަށް އަންނަ ބަދަލުގެ ސަބަބުން ކާރިސާތައް ހިނގާ މިންވަރު އިތުރުވެއްޖެ ކަމަށް ދައްކައިފި

about 6 hours 0

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެފައި: ކާރިސާތަކަށް ކުރަންޖެހޭ ހަރަދު ވެސް ވަނީ އެތައް ގުނައެއް އިތުރުވެފައި -- ފޮޓޯ: އަދަދު ފައިލް


މޫސުމާއި ތިމާވެއްޓަށް އަންނަ ބަދަލުގެ ސަބަބުން ކާރިސާތައް ހިނގާ މިންވަރު އިތުރުވެއްޖެ ކަމަށް ދައްކައިފި

about 6 hours 0

މޫސުމާއި ތިމާވެއްޓަށް އަންނަ ބަދަލުގެ ސަބަބުން ގުދުރަތީ ކާރިސާތައް ހިނގާ މިންވަރު އިތުރުވެއްޖެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ އިން ބުނެފި އެވެ.

މީގެ ކުރިން 2023 ވަނަ އަހަރު ކާރިސާތައް ހިނގި އަދަދާ އަޅާބަލާއިރު ނިމިދިޔަ 2025 އަހަރު ކާރިސާތައް ހިނގި އަދަދު 37 ޕަސެންޓު އިތުރުވެފައިވާ ކަމަށް ހިސާބުތަކުން ދައްކާ ކަމަށް އެންޑީއެމްއޭ އިން ނެރުނު ރިޕޯޓެއްގައި ބުނެފައި އޮތެވެ

އެ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު އެ އޮތޯރިޓީއަށް 251 ކާރިސާ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 37 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި އެއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 73 ޕަސެންޓުގެ އިތުރުވުމެކެވެ.

"މިއީ މޫސުމާއި ތިމާވެއްޓަށް އަންނަ ބަދަލުގެ ސަބަބުން ދިމާވާ ހާދިސާތައް ކުރިއަށް އޮތް ތަނުގައި ވެސް އިތުރުވެދާނެކަމުގެ ނިޝާނެއް. އަދި ކާރިސާތައް ރިޕޯޓު ކުރުމުގެ ނިޒާމު ހަރުދަނާވުމުން ވެސް އެފަދަ ހާދިސާތައް ރިޕޯޓު ކުރެވޭ މިންވަރު އިތުރުވޭ،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ހިނގީ ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތަކެވެ. ފެންބޮޑުވުމުގެ 93 ހާދިސާއެއް މިދިޔަ އަހަރު ރިޕޯޓުކޮށްފައި އޮތެވެ. ދެ ވަނައަށް އެންމެ ގިނައީ އަލިފާނުގެ ހާދިސާތަކެވެ. އަލިފާނުގެ 83 ހާދިސާއެއް ރިޕޯޓުކޮށްފައި އެބަ އޮތެވެ. ތިން ވަނައަށް އެންމެ ގިނައިން ރިޕޯޓު ކުރީ ގަދަ ވައިގެ ސަބަބުން ލިބޭ ގެއްލުންތަކެވެ. އެފަދަ 57 ހާދިސާއެއް ރިޕޯޓު ކުރި އެވެ.

"ނަންބަރުތަކަށް ބެލުމުން މުޅި އަހަރު ތެރޭ ރިޕޯޓު ކުރާ ކާރިސާތަކުގެ ބާވަތްތައް ގިނަކަން ފާހަގަވޭ. އަދި ކުރީ އަހަރާ އަޅާބަލާއިރު، ފެނާއި ގަދަ ވައިގެ ސަބަބުން ލިބޭ ގެއްލުންތަކާ ގުޅޭ ކާރިސާތައް ގިނަވަމުން އަންނަކަން ފާހަގަވޭ،" އެންޑީއެމްއޭ އިން ބުންޏެވެ.

ކާރިސާތައް ގިނަވުމުގެ ސަބަބުން އެފަދަ ކަންކަމަށް ކުރަންޖެހޭ ހޭދަ ވެސް އެތައް ގުނައަކުން ވަނީ މަތިވެފަ އެވެ. ކާރިސާތަކަށް މިދިޔަ އަހަރު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އޭގެ ކުރިން 2023 ވަނަ ހޭދަކުރީ ހަ މިލިއަން ރުފިޔާ އެވެ. އަދި 2022 ވަނަ އަހަރު ހޭދަ ކުރީ އެންމެ ތިން މިލިއަން ރުފިޔާ އެވެ.

ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މިދިޔަ އަހަރު 1423 ގޭބީސީއަކަށް ގެއްލުންވި އެވެ. އެއީ 2023 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރު ދެން އެންމެ ގިނަ ގޭބީސީތަކަށް ގެއްލުންވީ ތޫފާނުގެ ސަބަބުންނާއި އަލިފާނުގެ ހާދިސާތަކާއި ގަދަ ވައިގެ ސަބަބުންނެވެ.

އެންޑީއެމްއޭގެ ހިސާބުތަކުން އެނގޭ ގޮތުގައި، އެންމެ ގިނަ ކާރިސާތައް ހިނގާފައި ވަނީ އެންމެ ކ. އަތޮޅުގަ އެވެ. މިއީ ތަރައްގީގެ ޕްރޮޖެކްޓުތައް ވެސް އެންމެ ގިނައިން ހިންގާ އަތޮޅެވެ. ދެން ހާދިސާތައް އެންމެ ގިނައީ ސ. އަތޮޅުގަ އެވެ. އައްޑޫގައި 27 ހާދިސާ ހިނގި އެވެ.