Advertisement

ފްލެމިންގޯތަކުގެ ސަލާމަތަށް ކުޅުދުއްފުށީ ކުޅީގައި ކެނޯ ދުއްވުން މަނާކޮށްފި

4 ޖަނަވަރީ 2025 - 19:45 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް


ފްލެމިންގޯތަކުގެ ސަލާމަތަށް ކުޅުދުއްފުށީ ކުޅީގައި ކެނޯ ދުއްވުން މަނާކޮށްފި

4 ޖަނަވަރީ 2025 - 19:45 0

ކޮންމެ އަހަރެއްގެ އިރުވައި މޫސުމާ ދިމާކޮށް ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކުރާ ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫނިތަކުގެ ސަލާމަތަށްޓަކައި އެ ރަށު ކުޅީގައި ކެނޯ ދުއްވުން މަނާކޮށްފި އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ 2021 އިން ފެށިގެން އެ ރަށަށް ކޮންމެ އަހަރަކު އަންނަ މި ދޫނިތަކުގެ ސަބަބުން ރަށަށް އުފާވެރިކަމާއި އިތުރު ދިރުމެއް ގެނެސްދޭ ކަމަށެވެ.

އަދި މިފަދަ މޫސުމީ ދޫނިތަކަށް އަމާން ފަސޭހަ މާހައުލެއް ހޯދައިދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެ އެވެ.

"ބައެއް ފަރާތްތަކުން ދޫނިތަކާއި މާކައިރިއަށް ދިއުމާއި، ދޫނިތަކަށް ގޯނާވާ ގޮތަށް ކުޅީގައި ކެނޯ ދުއްވާ ކަމުގެ ޝަކުވާ ގިނަ ރައްޔިތުންގެ ފަރާތުން މި އިދާރާއަށް އަންނަނީ ހުށައެޅެމުން،" ކުޅުދުއްފުށި ކައުންސިލުން ބުނެފައިވެ އެވެ.

އެހެންކަމުން މިއަދުން ފެށިގެން ދޫނިތައް ތިބޭއިރު ކުޅީގައި ކެނޯ ދުއްވުން މަނާކޮށް، ދޫނިތަކުގެ ފޮޓޯ އަދި ވީޑިއޯ ނަގަން ޑްރޯން ދުއްވާ ފަރާތްތަކުން ވެސް އެ ތަކެއްޗަށް އުނދަގޫ ނުކުރުމަށް އެ އިދާރާއިން ވަނީ ރައްޔިތުންނަށް އަންގާފަ އެވެ.

ރާއްޖޭގެ ބައެއް ރަށްރަށަށް އިރުވައި މޫސުން ފެށޭ ދުވަސްވަރު ގުޑުގުޑާ ދޫނި ޖައްސަ އެވެ. މި ތަކެތީގެ ފޮޓޯ އާއި ވީޑިއޯ މަޝްހޫރުވެ އެ ރަށްރަށަށް މި ދޫނިތައް ބަލާލަން ދާ މީހުން ވެސް ވަނީ އިތުރުވެފަ އެވެ.