Advertisement

"ތަރިޖެހިގެ" ހިމާޔަތްކުރަން ކުޅުދުއްފުށި ކައުންސިލުން ނިންމައިފި

ކުޅުދުއްފުށީގެ "ތަރިޖެހިގެ": އެ ގެ ހިމާޔަތްކުރަން ކައުންސިލުން ވަނީ ނިންމާފައި -- ފޮޓޯ: މިހާރު


"ތަރިޖެހިގެ" ހިމާޔަތްކުރަން ކުޅުދުއްފުށި ކައުންސިލުން ނިންމައިފި

ކުޅުދުއްފުށީގެ ދިގު ތާރީހެއް ރަމްޒުކޮށްދޭ “ތަރިޖެހިގެ" ހިޔާމަތްކޮށް، އެގޭގެ ވެރިފަރާތަށް އިސްރަށްވެހިންގެ ޕާކްގެ އިރުމަތިން ހުސްބިމެއް ދިނުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ފޭސްބުކް ގައި ވިދާޅުވީ ތަރިޖެހިގެ ހިމާޔަތްކުރަން ނިންމީ ކުޅުދުއްފުށީގެ ސަގާފަތާއި ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭން ކަމަށެވެ.

ކުޅުދުއްފުށީ ތަރިޖެހިގެ އަކީ އިހުޒަމާނުގައި ދިވެހީންގެ ސާދާ ދިރިއުޅުން ބިނާވެފައިއޮތްގޮތާއި، ދިވެހިންގެ ފަންނުވެރިކަމާއި، މަސައްކަތްތެރިކަމުގެ ވައްޓަފާޅި ދައްކުވައިދޭ ދިވެހީންގެ ބޯހިޔާވެހިކަމުގެ ބިނާއެއް،" މޭޔަރު އާތިފް ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ ކުޅުދުއްފުށީގެ މުހިންމު ތާރީހީ ބިނާތައް ނެތިގޮސް، ގަބުރުސްތާނުގައި ހުރި ރީތި ހިރިގަލާއި ލަކުޑީގެ މިސްކިތާއި މަގާންމަގައި ހުރި މާގަންފުޅު ފަދަ ތަންތަން މިއަދު ޖީލަށް ފެންނަން ނެތް ކަމަށެވެ.

މިގޮތުން މިހާރު ހުރި މުހިންމު ތަންތަން މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށީގެ ތަރިޖެހިގެއަކީ އެ ރަށަށް ޒިޔާރަތްކުރާ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ތަނެކެވެ. އެ ގޭގައި ދިރިއުޅެނީ 90 އަހަރާ ގާތްކޮށްފައިވާ އަލީ މުހައްމަދު (އަލިބެ) އެވެ.