4 ޖަނަވަރީ 2025 - 10:43 0
4 ޖަނަވަރީ 2025 - 10:43 0
ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 4) - އިޓާލިއަން ސުޕަ ކަޕްގެ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ރޭ ޔުވެންޓަސް އަތުން 2-1 އިން މޮޅުވެ، އެ ޓީމު ކަޓުވާލުމަށް ފަހު އޭސީ މިލާނުން ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ.
އަންނަ ހޯމަ ދުވަހު ކުޅޭ ފައިނަލުގައި މިލާނުން ބައްދަލުކުރާނީ އިންޓައާ އެވެ. އިންޓަ އަކީ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މި ފަހަރުގެ ސެމީގައި އެ ޓީމުން ވަނީ އެޓަލަންޓާ ބަލިކޮށްފަ އެވެ. މިއީ ހަތަރު ޓީމުގެ ފޯމެޓަށް ކުޅެން ފެށި ފަހުން، މިލާން ޑާބީ އެއް ފައިނަލުގައި ފެންނަ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން، މި ދެ ޓީމު 2022 ވަނަ އަހަރުގެ ސުޕަ ކަޕް ފައިނަލުގައި ކުޅުނުއިރު، އިންޓަ މޮޅުވީ 3-0 އިންނެވެ.
ޕައޮލޯ ފޮންސޭކާ ވަކިކުރުމަށް ފަހު، މިލާނުގެ ކޯޗަކަށް ސާޖިއޯ ކޮންސެސާއޯ ހަަމަޖެއްސި ފަހުން ކުޅުނު ފުރަތަމަ މެޗުގައި މިލާނުން ވަނީ ތިއާގޯ މޮޓާގެ ކޯޗުކަމުގައި ކުޅޭ ޔުވެންޓަސް ކައިރީގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މި މެޗުގައި ޔުވެންޓަސް އިން ލީޑުނެގީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ތުުރުކީގެ ކެނާން ޔިލްޑީޒް ޖެހި ގޯލުންނެވެ. ލިބުނު ފުުރުސަތުުގައި އޭނާ ވަނީ ހަަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ފަހުން، ޔުވެންޓަސް އަށް ލީޑުފުޅާކޮށްދޭން ލިބުނު ފުރުސަތުތަކުގެ ބޭނުން ޔިލްޑީޒް އަށް ނުހިފުނެވެ.
މިލާނުން މި މެޗުގެ ފުރަތަަމަ ހާފުގައި ޔުވެންޓަސްގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލައިފައި ނުވި ނަމަވެސް، ދެ ވަނަ ހާފަށް ނުކުމެ އެކަން ބަދަލުކޮށް ކުޅުން ރަނގަޅުކުރީ އެވެ.
މެޗުގެ 71 ވަނަ މިނިޓްގައި މިލާނުން އެއްވަރުކުރީ ކްރިސްޓިއަން ޕުލިސިޗް ކާމިޔާބުކުރި ޕެނަލްޓީންނެވެ. މި ޕެނަލްޓީ ދޭން ނިންމީ އޭރިއާތެރެއިން ޕުލިސިޗަށް ޔުވެންޓަސްގެ މެނުއަލް ލޮކަޓެލީ ފައުލުކުރުމުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން މިލާނުގެ ޔޫނުސް މޫސާ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔުވެންޓަސްގެ ފެޑެރީކޯ ގައްޓީ އަތުން ބޯޅަ ވަނީ ބައިކޮޅަށެވެ. އިތުރު ވަގުތުގައި ގައްޓީ ވަނީ ލަނޑެއް ޖަހައި އެއްވަރުކުރެވޭތޯ މަސައްކަތްކޮށްފަ އެވެ. އެކަމަކު، އޭނާ ފޮނުވާލި ބޯޅަ މިލާނުގެ މަޓެއޯ ގަބިއާ ވަނީ ބްލޮކްކޮށްފަ އެވެ.
Comment